ދީނަށް ފުރައްސާރަކުރާ މީހުންނަށް ދައުވާ ކުރާނަން: ޕީޖީ ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށާއި، ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެއްވައިފިއެވެ.

ޕީޖީ މިހެން ވިދާޅުވެފައި މިވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައިގައިހައްޔަރުކުރި ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ، 37، ފަހު ދޫކޮށްލި މައްސަލައިގައި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ރުސްތުމް އެންމެ ފުރަތަމަ ހައްޔަރު ކުރީ، ދީނާ ދެކޮޅު އެއްވުމެއް ތިނަދޫގައި ބާއްވައި އަދި ޒުވާނުންނަށް ދީނާ ދެކޮޅު ވާހަކަތައް ކިޔައިދޭނެ ކަމަށާއި، ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށް ބުނެ ކުރި ޓްވީޓަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ މިދިޔަ ހަފްތާގައި އޭނާ ދޫކޮށްލަން ތިނަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ދޫކޮށްލުމާއެކު އަނެއްކާވެސް ރުސްތުމް ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ޓުވީޓުކުރަން ފަށައިފައެވެ.

އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ސަރުކާރަށާއި ޕީޖީއަށް ވެސް ފާޑުކިޔައިފައެވެ. ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރާއިރު، ފާޅުގައި ދީނަށް ފުރައްސާރަކޮށް ދީނީ ބައިބައިވުން އުފައްދާ މީހަކު ދޫކޮށްލާފައި ބެހެއްޓުމަކީ އިންސާފުތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.

ޕީޖީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީގެކުރިން ވެސް ދީނަށް ފުރައްސާރަވާގޮތަށް ކަންކުރި މީހުންނަށް ދައުވާކޮށްފައިވާ ކަމަށާއި، ދެން ވެސް ކުރާނެ ކަމަށެވެ. އަދި ހަގީގަތް ނުބަލާ ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ދެރަކަމެއް ކަމަށް ވިދާޅުވިއެވެ.

ބަންދުން ދޫކޮށްލި ފަހުން ދީނަށް ފުރައްސާރަ ކުރި މައްސަލައެއްގައި ރުސްތުމް އަނެއްކާވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ މާލޭގައި ހުއްޓާ މިއަދު ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް