ކޮރޯނާވައިރަސް: ސާކުން 10 މިލިއަން ޑޮލަރާ އެކު އެމަޖެންސީ ފަންޑެއް

ކޮރޯނާވައިރަސް، ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް ސާކުގެ ގައުމުތަކުން ބައިވެރިވާ އެމަޖެންސީ ފަންޑެއް ހުޅުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުށަހަޅުއްވައިފި އެވެ.

ބޮޑުވަޒީރު މޯދީ އެގޮތަށް ހުށަހެޅުއްވީ، އެމަނިކުފާނުގެ އިސް ނެންގެވުމަކަށް ސާކު ގައުމުތަކުގެ ވެރިންގެ މެދުގައި މިއަދު ބޭއްވި ޓެލެކޮންފަރެންސްގެ ތެރެއިން އެވެ.

މޯދީ، ވިދާޅުވީ ފަންޑު ފުރަތަމަ އެކުލަވާލާއިރު އިންޑިއާ އިން 10 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރާނެ ކަމަށެވެ. އަދި އެ ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި، އަފްގާނިސްތާނާއި ބޫޓާނުން ވެސް އެކަމަށް ވަނީ މަރުހަބާ ކިޔައިފަ އެވެ.

"އަޅުގަނޑު ހުށަހަޅަން ކޮވިޑް19 އެމަޖެންސީ ފަންޑެއް ހުޅުވުމަށް. މި ފަންޑަކީ މެންބަރު ގައުމުތަކުން ވޮލަންޓްރީކޮށް ކޮންޓްރިބިއުޓް ކުރާ ފަންޑަކަށް ހެދިދާނެ. ފެށުމެއްގެ ގޮތުން އިންޑިއާ އިން މި ފަންޑަށް 10 މިލިއަން ޑޮލަރު ކޮންޓްރިބިއުޓް ކުރެވިދާނެ،" މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް އިންޑިއާ އިން ރެޕިޑް ރެސްޕޮންސް ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ. ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ މި ޓީމުން ތިބޭނީ ސްޓޭންޑް-ބައި ގައި ކަމަށާއި ސާކް ގައުމުތަކުން އެހީއަކަށް ބޭނުންވެއްޖެ ހިނދެއްގައި އެ ޓީމުގެ އެހީ ފޯރުކޮށްދޭނެ ކަމަށް މޯދީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ އިންޓަގްރޭޓެޑް ޑިޒީސް ސާވަލަންސް ޕޯޓަލް އެއް ގާއިމްކޮށްފައި، މިއީ ކޮވިޑް ޖެހިފައިވާ މީހުންނާއި އެމީހުންނާ ކޮންޓެކްޓް ވެފައިތިބި މީހުން ޓްރޭސް ކުރުމަށް ސެޓްއަޕްކޮށްފައިވާ ޕޯޓަލްއެއް. މެންބަރު ގައުމުތަކުން އެދިއްޖެ ނަމަ މި ޑިޒީސް ސާވަލަންސް ސޮފްޓްވެއާ ގައުމުތަކާ ހިއްސާކޮށް އެ ބޭނުންކުރާނެ ގޮތުގެ ތަމްރީނުވެސް އިންޑިއާ އިން ފޯރުކޮށްދޭނެ،" ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ ކުރިއަށް ވިސްނައި ސާކު ގައުމުތަކުން ގުޅިގެން ކޮމަން ރިސާޗް ޕްލެޓްފޯމެއް ގާއިމްކޮށް، އެޕެޑެމިކް ބަލިތައް ސާކު ރީޖަންގައި ކޮންޓްރޯލު ކުރުމާ ގުޅޭ ރިސާޗުތައް ކުރިއަށް ގެންދެވިދާނެ ކަމަށާއި، އެކަމަށް އިންޑިއާގެ މެޑިކަލް ރިސާޗު ކައުންސިލްގެ އެއްބާރުލުމާއި އެހީ ދޭނެ ކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީ ވަނީ ސާކު ސަރަހައްދުގެ ގައުމުތަކުން ގުޅިގެން ކޮރޯނާ އާިއ ދެކޮޅަށް މަސައްކަތްކޮށް ދުނިޔެއަށް ނަމޫނާ ދެއްކުމުގެ އަޒުމުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

comment ކޮމެންޓް