މިދިޔަ އަހަރު އެންމެ ގިނަ ޝަކުވާ ހުށަހެޅީ ފަނޑިޔާރުންގެ އިންޓެގްރިޓީއާ ގުޅޭގޮތުން

ނޮވެމްބަރ 7، 2019: ހައިކޯޓުގެ އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރުމަށް ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ފަނޑިޔާރުންނާ ބެހޭގޮތުން 114 ޝަކުވާއެއް ރެޖިސްޓްރީކުރެވިފައިވާ ކަމަށް އޭގެ ތެރޭގައި އެންމެ ގިނައީ ފަނޑިޔާރުންގެ އިންޓެގްރިޓީއާ ގުޅޭ ޝަކުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

ޖޭއެސްސީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ފަނޑިޔާރުން އިންޓެގްރިޓީއާ ހިލާފުވެފައިވާކަމަށް ބުނެ 65 ޝަކުވާއެއް ހުށަހަޅާފައިވެއެވެ.

ދެން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ހިތްތިރިކަމާއި ރިވެތި އަހްލާގު ނެތްކަމަށް ބުނެ ހުށަހެޅި ޝަކުވާއެވެ. އެ ބާވަތުގެ 19 ޝަކުވާ ހުށަހަޅާފައިވާއިރު ފަނޑިޔާރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާކަމަށް ބުނެ 14 ޝަކުވާ ވަނީ ހުށަހަޅައިފައެވެ.

ވަކިފަރާތަކަށް ނުޖެހުމާ ހިލާފުވެފައިވާކަމަށް ބުނެ އަށް ޝަކުވާއެއް ހުށަހަޅާފައިވާއިރު ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފު ވެފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ހަތް ޝަކުވާއެއް ހުށަހެޅިއެވެ.

މީގެއިތުރުން ފަނޑިޔާރުންގެ ހުނަރާއި ކުޅަދާނަކަން ނެތްކަމަށް ބުނެ ޝަކުވާއެއް ހުށަހަޅާފައިވެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ހުށަހެޅިފައިވާ ޝަކުވާތަކާއެކު 2019 ވަނަ އަހަރު 154 ޝަކުވާއެއް ބެލުމުގެ މަސައްކަތް ޖޭއެސްސީން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޭގެ ތެރެއިން ނިމިފައި ވަނީ 48 ޝަކުވާއެވެ. އެހެންކަމުން މިދިޔަ އަހަރުގެ ނިޔަލަށް 106 ޝަކުވާއެއްގައި ވަކި ގޮތެއް ނިމިފައެއް ނުވެއެވެ. ޖޭއެސްސީން ބުނީ އެ ހުރިހާ ޝަކުވާތަކަކީވެސް ދިރާސާ މަރުހަލާގައި ނުވަތަ ތަހުގީގީ މަރުހަލާގައި ކުރިއަށްދާ ޝަކުވާތައް ކަމަށެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތައް ބަލައި އެ މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، އެ މައްސަލައަކީ ތަހުގީގީ އެހެން އިދާރާއަކުން ބަލާ މައްސަލަތަކާގުޅުން ހުރި މައްސަލައެއްކަމަށް ފާހަގަ ކުރެވޭ މައްސަލަތައް ކަމާގުޅުންހުރި ތަހުގީގީ އިދާރާތަކަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ޖޭއެސްސީގެ ފަރާތުން ފުލުހުންނަށް ހަތް މައްސަލައެއް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ތިން މައްސަލައެއް ވަނީ ފޮނުވާފައެވެ.

comment ކޮމެންޓް