ބޭރު ފައިސާގެ އާމްދަނީން 450 މިލިއަން ޑޮލަރު އެބަ މަދުވޭ: ރައީސް

ރައީސް ސޯލިހު މިއަދުގެ ޓެލެކޮންފަރެންސްގައި -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަސް، ކޮވިޑް-19 ފެތުރޭތީ، ޓޫރިޒަމް އިނދަޖެހި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީ ބޮޑުތަނުން ދަށްވެ، 450 މިލިއަން ޑޮލަރު މަދުވާނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް އެ ކަންބޮޑުވުން ފާޅުކުރެއްވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނަންގަވައިގެން މިއަދު ބޭއްވި ސާކްސް ސަރަހައްދުގެ ލީޑަރުންގެ ޓެލެ-ކޮންފަރެންސް ބައްދަލުވުމުގަ އެވެ.

އެޓެލެކޮންފަރެންސްގައި ރައީސް ވިދާޅުވީ ޓޫރިޒަމަށް އަންނަ ކޮންމެ ލޮޅުމަކުން ރާއްޖޭގެ އިގުތިސާދަށް އަސަރު ކުރާނެ ކަމަށެވެ. ޓޫރިޒަމަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ހަތަރު ބައިކުޅަ އެއްބައި ކަމާއި ރާއްޖެއަށް ވަންނަ ބޭރުފައިސާގެ ތިން ބައި ކުޅަ ދެ ބައި ވަންނަނީވެސް އެ ސިނާއަތުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ފެނުމުގެ ކުރިންވެސް ރާއްޖެއަށް ޓޫރިސްޓުން އަންނަވަރު ދިޔައީ ދަށްވަމުން ކަމަށެވެ. ފެބްރުއަރީ މަހު އެރަައިވަލްސް 14.3 ޕަސެންޓު ދަށްވި ކަމަށާއި، މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނި އެ އަދަދު 22.8 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު އެރައިވަލްސް ދަށަށްދާ ރޭޓުގައި ދާ ނަމަ ރާއްޖޭގެ ޓޫރިޒަމް މި އަހަރު 35 ޕަސެންޓު ދަށަށް ދާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޓޫރިޒަމަށް މި ކުރާ އަސަރުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ބޭރު ފައިސާގެ އާމްދަނީން 450 މިލިއަން ޑޮލަރު މި އަހަރު މަދުވާނެ ކަމަށެވެ. ބޭރު ފައިސާގެ އާމްދަނީ ދަށްވާނަމަ އެކަމުގެ ނޭދެވޭ އަސަރު އިމްޕޯޓަށް ބަރޯސާވެފައިވާ މި ގައުމުގެ އިގުތިސާދަށް ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއަށް ޓޫރިސްޓުން އަންނަ ހުރިހާ ބޮޑެތި މާކެޓަކުން ޓޫރިސްޓުން އައުން ހުއްޓުމާ އެކު، ބޭރުފައިސާގެ އާމްދަނީ ވަރަށް ސީރިއަސް އަދަދަކަށް އެބަދޭ. އެކަމުގެ ސަބަބުން 450 މިލިއަން ޑޮލަރު ބޭރު ފައިސާގެ އާމްދަނީއިން މަދުވާނެ ކަމަށް ލަފާކުރެވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިދިޔަ އަހަރު ނިމުނުު އިރު ރާއްޖެއަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ، 653.34 މިލިއަން ޑޮލަރެވެ.

ސަރުކާރުގެ އާންމުދަނީ ދަށަށް ދިޔުމުގެ ކަންބޮޑުވުންވެސް ރައީސް ފާޅުކުރެއްވި އެވެ. އެމަނިކުފާނުު ވިދާޅުވީ، އެރައިވަލްސް ދަށަށްދާ ރޭޓުގައި ދާ ނަމަ މި އަހަރު 135.9 މިލިއަން ޑޮލަރާއި، 446.6 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ސަރުކާރުގެ އާންމުދަނީއިން ދަށަށްދާނެ ކަމަށެވެ.

"ސަރުކާރުގެ އާންމުދަނީ އަދި ބޭރު ފައިސާ ދަށަށް ދިޔުމުގެ ސަބަބުން ކޮވިޑް-19 ވައިރަހާ ދެކޮޅަށް ހަލުވިކޮށް މަސައްކަތް ކުރުމަށް ދަތިވޭ،" ރައީސް ވިދާޅުވި އެވެ.

އަދި މި އަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފައި ވަނީ ދައުލަތަށް އާންމުދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ބޮޑުވަޒީރު މޯދީ އެދިވަޑައިގަންނަވާ ގޮތަށް ވައިރަހާ ގުޅޭ ކަންކަމުގައި ސާކްގެ ސަރަހައްދީ ސްޓްރެޓަޖީއެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އަދި އެ ސްޓްރެޓަޖީގައި ހިމެނެން ޖެހޭ ތިން ކަމެއް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެއީ:

  • ސާކްގެ ގައުމުތަކުގެ ސިއްހީ ދާއިރާގެ ވުޒާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް ވައިރަސްއާ ގުޅޭ ކަންކަމުގައި ބެސްޓް ޕްރެކްޓިސް ހިއްސާ ކުރެވޭނެ ގޮތް ހަމަޖެއްސުން.
  • އިގްތިސާދީ ގޮތުން ދަށަށްދާ ގައުމުތަކަށް އެހީތެރިވާން އިކޮނޮމިކް ރިލީފް ޕެކޭޖެއް އެކުލަވާލުން.
  • ދިގު މުއްދަތެއްގައި ހާލަތުން އަނބުރާ އައުމުގެ ޕްލޭނެއް އެކުލަވާލުން.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެއްވެސް ގައުމަކަށް އެކަނިމާ އެކަނި ވައިރަހާ ހަނގުރާމަކޮށްގެން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މިފަދަ ނުރައްކާތެރި ހާލަތްތަކުގައި ސާކްގެ ގައުމުތައް އެކުގައި މަސައްކަތް ކުރާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން 2003 ވަނަ އަހަރު ސާސް ވައިރަސް ފެތުރިގެން އުޅުނު އިރު ރާއްޖެއިން އިސް ނަގައިގެން ސާކްގެ ހެލްތު މިނިސްޓަރުންގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމެއް ބޭއްވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ނަތީޖާއެއްގެ ގޮތުން، ސާސް ވައިރަހާ ހަނގުރާމަ ކުރާނެ ސަރަހައްދީ ސްޓެޓަޖީއެއް އެކުލެވިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް