ނޭޕާލުން ވެސް އޮންއެރައިވަލް ވިސާ ހުއްޓާލައިފި

ނޭޕާލުގެ އެއާޕޯޓު ---

ނޭޕާލަށް ދަތުރުކުރާ މީހުންނަށް އެގައުމަށް އެތެރެވުމަށް އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ކޮރޯނާ އާ ދެކޮޅަށް ނޭޕާލުން އަޅާ ފިޔަވަޅެއްގެ ގޮތުނއެގައުމުން އޮން އެރައިވަލް ވިސާ ދޫކުރި ހުރިހާ ގައުމަކަށް އޮންއެރައިވަލް ވިސާ ދޫކުރުން އަންނަ މަހުގެ ނިޔަލަށް ހުއްޓާލާފައިވާ ކަމަށެވެ.

ފަތުރުވެރިން ނޭޕާލްއަށް ޒިޔާރަތް ކުރާނަމަ ކޮރޯނާ ނެތްކަން އަންގައިދޭ މެޑިކަލް ލިޔުމެއް (ނޭޕާލަށް އެތެރެވާ ތާރީހަށް ހަތް ދުވަސް ހަމަ ނުވާ) އެ ގައުމެއްގެ ކަމާއި ގުޅުން ހުރި އިދާރައަކުން ހޯދައި އެލިޔުން ހިފައިގެން ދިޔުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން ހުރިހާ ފަތުރުވެރިން ވެސް ނޭޕާލްއަށް ދިޔުމުން 14 ދުވަހަށް އަމިއްލައަށް ކަރަންޓިންގައި ތިބެންޖެހޭނެ ކަމަށް ވެސް ނޭޕާލުގެ ސަރުކާރާ ހަވާލާދީ ދިވެހި ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ނޭޕާލްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ނޭޕާލްގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް ފޮރިން މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަދި ނޭޕާލްއަށް ދަތުރުކުރާ ފަރާތްތަކުންނާއި ނޭޕާލްގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައި ރެޖިސްޓްރީކޮށް، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ނޭޕާލުން އޮން އެރައިވަލް ވިސާ ހުއްޓާލިއިރު ސްރީލަންކާ އިންވެސް ވަނީ އެގައުމަށް ދަތުރުކުރާ މީހުންނަށް އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފަ އެވެ.

comment ކޮމެންޓް