އުރީދޫ: މި މަހު ބިލް ނުދެއްކުނަސް ފޯން ކަނޑާނުލާނެ، ސުޕަނެޓުން ހިލޭ އެލަވަންސް

މާޗް 3، 2020: އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވަމުން އަންނަ ދަތިކަމުގެ ސަބަބުން، މި މަހުގެ ބިލުތައް ނުދެއްކުނު ނަމަވެސް، ހިދުމަތް މެދު ކަނޑާނުލާނެ ކަމަށާއި އަދި ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއް މަސް ވަންދެން 25 ޕަސެންޓު ބޯނަސް ޑޭޓާ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް އުރީދޫ އިން ބުނެފި އެވެ.

އުރީދޫއިން މިއަދު ކުރި ޓުވީޓުތަކެއްގައި ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް، "ސޯޝަލް ޑިސްޓޭންސް" އަށް ބާރުއެޅުމުގެ ގޮތުން އެ ކުންފުނިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން މި ހިނގާ މާޗު މަހު އުރީދޫގެ ބިލުތައް ނުދެއްކި ނަމަވެސް، ހިދުމަތްތައް މެދުކަނޑާނުލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި މޮބައިލް، ފައިބާ އަދި ވަޔަލެސް ބްރޯޑްބޭންޑްގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ނޭދެވޭ އަސަރުކޮށްފައިވާ ކުދި ވިޔަފާރިތައް ހިންގާ ފަރާތްތައް ވެސް ހިމެނެ އެވެ.

އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް ގޭގައި މަޑުކޮށްފައިވާ ފަރާތްތަކަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއް މަސް ވަންދެން 25 ޕަސެންޓު ބޯނަސް ޑޭޓާ ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މީގެ އިތުރުން ދަރިވަރުންނަށް ގޭގައި ތިބެގެން އޮންލައިންކޮށް ކިޔެވުމަށް، އަގުހެޔޮކޮށް އިންޓަނެޓް ފޯރުކޮށްދިނުމަށް ތައުލީމުދޭ މަރުކަޒުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

ހަމައެއާއެކު އުރީދޫގެ ހުރިހާ މުވައްޒަފުންނަށް ވެސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވަޒީފާއަށް ނުނުކުމެ ގޭގައި މަޑުކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.

އަދި އުރީދޫގެ ކަސްޓަމަރުންނަށް، ރާއްޖޭގެ ކޮންމެ ނަންބަރަކަށް ވެސް ހިލޭ އެސްއެމްއެސް ފޮނުވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫ އިން ބުނީ ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ އުރީދޫގެ ސްޓޯރުތަކަށް ނިދިއުމަށް ބާރުއަޅާ ކަމަށެވެ. އެގޮތުން އުރީދޫގެ ގިނަ ހިދުމަތްތަކެއް އުރީދޫ އެޕް މެދުވެރިކޮށް ހޯދޭނެކަން އެ ކުންފުނިން ފާހަގަކުރެއެވެ.

comment ކޮމެންޓް