ގަތަރު އެއާވޭޒްގެ ފްލައިޓަކުން އައި މީހަކަށް ޝައްކުވެގެން އެކަހެރިކޮށްފި

ގަތަރު އެއާވޭސްގެ ފްލައިޓުން އައި މީހާ އެކަހެރިކޮށްގެން ގެންދަނީ --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް މިއަދު ޖެއްސި ގަތަރު އެއާވޭޒްގެ ފްލައިޓަކުން އައި މީހެއްގެ ފަރާތުން، ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތަކެއް ފެނިގެން އޭނާ އެކަހެރިކޮށްފި އެވެ.

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އެކަހެރިކޮށްފައި ވަނީ މިއަދު މެންދުރު ދޯހާއިން ވީއައިއޭއަށް ޖެއްސި ގަތަރު ފްލައިޓް، QR674 އިން އައި މީހެކެވެ.

މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ ފްލައިޓުން އައި މީހުން އަދިވެސް ތިބީ ފްލައިޓުގައެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒު "ސަން" އަށް ވިދާޅުވީ ގިނަ ޑިވެލޮޕްމަންޓުތަކެއް އެބަހުރި ކަމަށާއި، އެ ތަފްސީލުތައް މިރޭގެ ވަގުތެއްގައި ހާމަކުރާނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް އަށް ގައުމަކުން މީހުން އައުން ވަނީ މަނާކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އެންމެ ފުރަތަމަ ބަލި ފެތުރުނު ޗައިނާ އާއި، މިހާރު ބާރަށް ބަލި ފެތުރެމުން އަންނަ އިޓަލީ އާއި، އިރާންއާއި ކޮރެއާގެ ދެ ސަރައްހަދަކާއި، ބަންގްލަދޭޝްގެ އިތުރުން ސްޕެއިން އާއި ޖަރުމަނު ވިލާތާއި ފަރަންސޭސި ވިލާތެވެ.

ފްރާންސުން މީހުން އައުން މަނާކުރީ ދެ ސަރަހައްދަކުންނެވެ. އެއީ އެގައުމުގެ ދެ އެޑްމިނިސްޓްރޭޓިވް ރީޖަން ކަމުގައިވާ މެދުތެރޭގެ އިލް ޑޮ ފްރޮންސް (ޕެރިސް ރީޖަން)އާއި އިރު އުތުރުގެ ގްރޯންޑް އެސްޓް ރީޖަންއެވެ.

ޖަރުމަނުން މީހުން މަނާކުރީ ތިން ސްޓޭޓަކުންނެވެ. އެއީ ބެވޭރިއާ، ނޯތު ރައިން-ވެސްޓްފޭލިއާ އަދި ބެޑެން-ވަރޓެމްބާގެވެ. ޖަރުމަނުގެ ބައެއް ބޮޑެތި ސިޓީތައްވެސް މި ސްޓޭޓުތަކުގައި ހިމެނެއެވެ. އެގޮތުން ނޯތު ރައިން-ވެސްޓްފޭލިއާ ސްޓޭޓުގައި ކޮލޯން ސިޓީ، ޑުސެލްޑޯފް ސިޓީ އަދި ޑޯޓްމުންޑް ސިޓީ ހިމެނެއެވެ. އަދި ޖަރުމަނުގެ ސިޓީއެއް ކަމުގައިވާ މިއުނިކް ހިމެނެނީ ބެވޭރިއާ ސްޓޭޓުގައެވެ.

comment ކޮމެންޓް