ހިދުމަތް ދޭން ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން ނެރުމަށް އަންގައިފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ރައީސް އޮފީސް

ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ހިދުމަތް ދެވޭނެގޮތުގެ ޕްލޭނެއް އެކުލަވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިވިލް ސާވިސް ކޮމިޝަނަށް އަންގަވައިފި އެވެ.

ކޮރޯނާވައިރަސްއަކީ ފަސޭހައިން ގައިންގަޔަށް އަރާ ރޯގާއަކަށްވެފައި އެ ރޯގާ ރާއްޖޭގައިވެސް ފެތުރެމުންދާތީ، އެ ރޯގާ ފެތުރުން ކުޑަކުރުމަށާއި، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ސަރުކާރުގެ އޮފީސްތަކުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުގެ އޮފީސްތަކުގައި އަޅަންވީ ފިޔަވަޅުތައް ރައީސް ވަނީ މިއަދު ސީއެސްސީއަށް އަންގަވައިފަ އެވެ.

ސީއެސްސީއަށް ފިޔަވަޅުތައް ކަނޑައަޅުއްވާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރައްވައި ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ހިދުމަތް ދެވޭނެގޮތުގެ ޕްލޭނަކާއި، ކޮވިޑް-19 ގެ އަލާމާތްތައް ހުރި މުވައްޒަފަކު އޮފީހުގެ ތެރެއިން ފެނިއްޖެނަމަ، އޮފީހުގެ ތެރޭގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ބަޔާންކުރާ ޕްލޭނެއް މާދަމާގެ ނިޔަލަށް ސަރުކާރުގެ އިދާރާތަކުން ތައްޔާރުކުރުމަށް ރައީސް ވަނީ ސީއެސްސީއަށް އަންގައިވައިފަ އެވެ.

ސަރުކާރު އޮފީސްތަކުން ދެން އަޅަން އެންގެވި ފިޔަވަޅުތަކުގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތެއް ފެނިގެން މަސައްކަތަށް ނުނިކުތުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ލަފާ ދީފިނަމަ އެ މުވައްޒަފު މަސައްކަތަށް ނުނެރުމަށް ހިމެނެ އެވެ.

ސަރުކާރު އޮފީސްތަކުން ބައްދަލުވުންތަކާއި ހަފުލާތަކާއި ތަމްރީނު ޕްރޮގްރާމުތައް ނުރޭވުމަށާއި، ކޮންމެހެން ބާއްވަން ޖެހިއްޖެ ބައްދަލުވުމެއްނަމަ ޓެލެކޮންފަރެންސިނ ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިންތިޒާމުކުރުން ހިމެނެ އެވެ.

ހަމައެއާއެކު ހިދުމަތެއް ހޯދުމަށް ފިންގާޕްރިންޓް ޖަހަންޖެހޭ ގޮތަށް ސަރުކާރުގެ އޮފީހަކުން ހަމަޖައްސާފައިވާނަމަ ފިންގާޕްރިންޓް ނެގުމަކާ ނުލައި ހިދުމަތް ދޭގޮތަށް ހަމަޖެއްސުން ވެސް ހިމެނެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަހަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ މުޅިންވެސް ބިދޭސީންނެވެ. ރާއްޖެއިން ކޮރޯވައިރަހަށް ފެނުމާއެކު ރާއްޖޭގެ އެލާޓް ލެވެލް ވަނީ ޔެލޯއަށް މަތިކޮށްފަ އެވެ.

އެލާޓް ލެވެލް އެއަށްވުރެ މަތިވެއްޖެ ހާލަތެއްގައި ސަރުކާރު އޮފީސްތަކުން އަމަލުކުރާނެ ގޮތުގެ ޕްލޭން ވެސް މިހާރު ވަނީ އެކުލަވާލައިފަ އެވެ.

އެގޮތުން އޮރެންޖް އެލާޓް ލެވެލް އިއުލާން ކުރާ ސަރަހައްދުގައި ހިތުގެ ބަލިބައްޔާއި، ފުއްޕާމޭގެ ބަލިބައްޔާއި، ކެންސަރު ބައްޔާއި، ހަކުރު ބައްޔާއި، ލޭމައްޗަށް ދިޔުންފަދަ ބަލިތައް ހުންނަ މުވައްޒަފުންނާއި، މާބަނޑު މުވައްޒަފުންނާއި، އުމުރުން 55 އަހަރަށްވުރެ ދޮށީ އުމުރުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ 30 ދުވަހުގެ މުއްދަތަށް ތިބުމުގެ ފުރުސަތު އެ މުވައްޒަފުންނަށް ދިނުމަށް ވަނީ ނިންމަވާފަ އެވެ.

ރަތް އެލާޓް ލެވެލްގައި ސަރުކާރުގެ އިދާރާތަކުން ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫން މުވައްޒަފުން މަސައްކަތަށް ނުނެރުމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް އެ ގޮތުގެ މަތިން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށާއި، ކޮރޯނާވައިރަސް އާ ގުޅިގެން މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކުގައާއި ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަސްތަކުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދިއުމަށް ވެސް ވަނީ އަންގަވާފަ އެވެ.

މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކުގައި ރަށުން ބޭރަށް ދިޔުމާއި، އެކި ކަންކަމުގައި ގެއިން ބޭރަށް ދިޔުން ވީހައިވެސް މަދުކުރަން މުވައްޒަފުންނަށް އަންގަން ވެސް ރައީސް ވަނީ ސީއެސްސީއަށް އަންގަވައިފަ އެވެ.

comment ކޮމެންޓް