ކޮރޯނާ ވައިރަހާ އެކު އެފްއޭއެމްގެ ހަރަކާތްތައް މެދުކަނޑާލައިފި

ގުއާމާއާ ދެކޮޅަށް ނިކުންނަ ރާއްޖޭގެ ގައުމީ ޓީމް ވާމް އަޕް ކުރަނީ --- ފޮޓޯ: އެފްއޭއެމް

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ފުޓުބޯޅަ މުބާރާތްތަކާއި ޓްރެއިނިންގްތައް މެދުކަނޑާލުމަށް ނިންމައިފި އެވެ.

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ލީގު، ދިރާގު ދިވެހި ޕްރިމިއާ ލީގު މިހާރު ނިމިފައިވީ ނަމަވެސް އެފްއޭއެމްގެ އެފްއޭ ކަޕުގެ މެޗުތައް އަދިވެސް ކުރިއަށް ދެޔެވެ. އަދި ގައުމީ ޓީމުގެ ޕްރެކްޓިސްތަކާއި އެހެނިހެން ބައެއް ހަރަކާތްތައް އަދިވެސް އެފްއޭއެމުން ހިންގަމުން އަންނަ އިރު މިއަދުން ފެށިގެން އެ އިދާރައިގެ ގިނަ ހަރަކާތްތަކެއް މެދުކަނޑާލަން ނިންމާފައިވާކަން ވަނީ އިއުލާން ކޮށްފަ އެވެ.

އެފްއޭއެމުން މިއަދު މެންދުރުފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ފެތުރެމުންދާ ކޮ9ވިޑް-19 ވައިރަސްއާ ގުޅިގެން، އެކަމަށް ރައްކާތެރިކަމުގެ އެ އެސޯސިއޭޝަނުން ބާއްވާ ފުޓުބޯޅަ މުބާރާތްތަކާއި، ޓްރެއިނިންގްތައް ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ކަމަށެވެ.

"އެޗްޕީއޭ ގެ ލަފަޔަކަށްފަހު، ކުރިއަށްހުރި ހަރަކާތްތަކުގެ ޝެޑިއުލް އަލުން ނެރެވޭނެ ވާހަކަ ވެސް މި ފުރުސަތުގައި ދެންނެވީން." އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މަހަށް ތާވަލުކުރެވިފައިވާ ވޯލްޑްކަޕް ކޮލިފައިން އަދި އޭއެފްސީ ކޮލިފައިންގެ މެޗުތައް މެދުކަނޑާލާފައިވާ ކަން ފީފާއާއި އޭއެފްސީން އަންގާފައިވާ އިރު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން ތިބީ މިދިޔަ ހަފުތާ ބަންގްލަދޭޝްގައި އޮތް އޭއެފްސީ މެޗު ކުޅުމަށްފަހު ލަންކާގައި ކަރަންޓީން ކޮށްފަ އެވެ.

އެފްއޭ ކަޕުގައި ޓީސީ އަށް އޮތީ ސެމީ ފައިނަލުގައި މާދަމާ ރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެ މާދަން ހަވީރު އަނެއް ސެމީގައި މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރާ ގޮތަށް އޮތީ ރޭވިފަ އެވެ. އެކަމަކު އެފްއޭއެމުން މިއަދު ނިންމި ނިންމުމާ އެކު މި މެޗުތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭގެ ރިޒޯޓްތަކުން، މިހާތަނަށް 11 މީހަކު ވަނީ ޕޮޒިޓިވްވެފައިވާ އިރު ސަފާރީއަކުން އިތުރު ދެމީހަކު ވަނީ ޕޮސިޓިވް ވެފަ އެވެ. މި ބަލި މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން ނުފެނެ އެވެ. އެކަމަކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް