ވިލިނގިލި މަރު: ހައްޔަރުކުރި މީހުންނަށް މުއްދަތު ޖަހައިފި

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކު މެރުވެފައި އޮތް މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނަށް މުއްދަތު ޖަހައިފިއެވެ.

ވިލިނގިލިން މަރުވީ އުމުރުން 24 އަހަރުގެ މުހައްމަދު މުސްތަފާ (މޯޑު) / ހައިޑް ޕާކް އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 24 އަހަރުގެ ދެ މީހަކާއި، 20 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކެވެ.

އެމީހުން ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރޭގައި ހިމެނޭ 23 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދެން ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފައެވެ.

އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު ހޮސްޕިޓަލުގެ ފަރާތުންނެވެ.

އޭނާ މަރުވެފައި ވަނީ އެރަށު "ރެޑްރޯސް ގެސްޓުހައުސް" ގައި ކުރިއަށް ދިޔަ ވަރުގަދަ ޕާޓީއެއްގެ ތެރެއިން ބާރުގަދަ ޑްރަގްސްތަކެއް ބޭނުންކޮށްގެން އޮވާޑޯޒްވެގެން ކަމަށް ބެލެވޭކަމަށް ރަށުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ޔަގީންކޮށެއް ނުދެއެވެ.

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި، މުހައްމަދު މުސްތަފާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. އަދި ބޭރުފުށުން އެއްވެސް އަނިޔާއެއްވެސް ނެތެވެ. ބާރުގަދަ ޕާޓީ ޑްރަގެއް ނެގުމުގެ ސަބަބުން އޭނާގެ އަނގައިންނާއި ކަންފަތުންވެސް ލޭތައް އައިކަމަށްވެއެވެ.

މިކަމާ ގުޅިގިގެން މުހައްމަދު މުސްތަފާއާއެކު ޕާޓީކުރި އެހެން މީހުން އޭނާ ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު ފިލިކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. އަދި މަރުވި ގޮތާ ގުޅޭގޮތުން ދޮގު ހެދިކަމަށްވެސް ވެޔެވެ. ނަމަވެސް ފަހުން އެތަނުން އެކަކު ވަނީ ކަން ހިނގާއިދިޔަ ގޮތް އެ އާއިލާއަށް ކިޔައިދީފައެވެ.

comment ކޮމެންޓް