މެނީލާގައި ތިބި 117 ދިވެހިންނާ މެދު އަމަލުކުރެވޭނެ ގޮތެއް އެބަބަލަން: ސަރުކާރު

މަބްރޫކު -- ސަން ފޮޓޯ/ އަހްމަދު ސައީދު

ކޮރޯނާ ވައިރަސްގެ ނުރައްކާ އައިސްފައިވާ ފިލިޕިންސްގައި 100 އަށްވުރެ ގިނަ ދިވެހިން އެބަ ތިބި ކަމަށާއި އެ ދިވެހިންނާ މެދު އަމަލު ކުރާނެ ގޮތަކާމެދު އެ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުން އަންނަ ފިލިޕީންސްގެ ވެރިރަށް މެނީލާ ވަނީ ބަންދުކޮށްފަ އެވެ. އެއާއެކު މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ދިވެހިން ބަންގްލަދޭޝްގައި ހުންނަ އެމްބަސީގައި ރަޖިސްޓްރީވުމަށް އެދިފަ އެވެ.

ދަރުބާރު ގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އެމަޖެންސީ ރެސްޕޮސް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މިހާތަނަށް 117 ދިވެހިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެ ދިވެހިންގެ ހާލު ސަރުކާރުން ގާތުން ބަލަމުންދާ ކަމަށެވެ.

"ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު،" މަބްރޫކު ވިދާޅުވި އެވެ.

މެނީލާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދޭ ތޯ "ސަން"އިން ސުވާލުކުރުމުން މަބްރޫކާ ވިދާޅުވީ، އިއްޔެ މެންދުރާ ހަމައަށް އެއްވެސް ދިވެއްސަކު އެފަދަ ކަމަކަށް އެދި ސަރުކާރަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

"އެކުދިންނާ ވާހަކަ ދައްކާއިގެން ކަންކުރަންވީ ގޮތެއް ދަނީ މަޝްވަރާ ކުރަމުން،" މަބްރޫކު ވިދާޅުވި އެވެ.

ފިލިޕީންގެސް ރައީސް ރެޑްރިގޯ ޑުޓާޓޭ މިދިޔަ ބުރާސްފަތު ދުވަހުން ނިންމެވީ 12 މިލިއަނެއްހާ މީހުން ދިރިއުޅެމުން އަންނަ މެނީލާ އެއް މަހަށް ބަންދުކުރުމަށެވެ. އެގައުމުގައި މިހާތަށް 100 އަށް ވުރެ ގިނަ މީހުން ވައިރަހަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަށް މީހަކު ވައިރަސް ޖެހިގެން މަރުވި އިރު، ދެ މީހަކު ވަނީ ރަނގަޅުވެފަ އެވެ.

ފިލިޕީންސްގެ މެނީލާ ބަންދުކުރި އިރު، ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާންގައި ތިބި ހަތް ދިވެހިންވެސް ސަރުކާރުން ވަނީ އިންޑިއާގެ އެހީގައި ރާއްޖެ ގެނެސްފަ އެވެ.

comment ކޮމެންޓް