އިސްލާމްދީނަށް ފުރައްސާރަ ކުރި ރުސްތުމް އަނެއްކާވެސް ހައްޔަރުކޮށްފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރުމަށް ފަހު ދޫކޮށްލި ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ، 37، އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ރުސްތުމް އެންމެ ފުރަތަމަ ހައްޔަރު ކުރީ، އެދީނާ ދެކޮޅު އެއްވުމެއް ތިނަދޫގައި ބާއްވައި އަދި ޒުވާނުންނަށް ދީނާއި ދެކޮޅު ވާހަކަތައް ކިޔައިދޭނެ ކަމަށާއި، ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށް ބުނެ ކުރި ޓްވީޓަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ މިދިޔަ ހަފްތާގައި އޭނާ ދޫކޮށްލަން ތިނަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ދޫކޮށްލާަފައި ހުއްޓާ ރުސްތުމް އަނެއްކާވެސް ހައްޔަރު ކުރިކަން ފުލުހުން ވަނީ މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ބުނި ގޮތުގައި ރުސްތުމް ހައްޔަރު ކުރީ އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފާޑުކިޔައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ދިވެހި މުޖުތަމައުގެ ސުލްހަމަސަލަސްކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.

އޭނާ ހައްޔަރު ކުރީ މާލޭގައި ހުއްޓާ މިއަދު ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ރުސްތުމް ހައްޔަރުކޮށްފައިވާއިރު، އޭނާ ވަނީ މިފަހުންވެސް ޓްވިޓާ މެދުވެރިކޮށް ދީނާ ދެކޮޅު ވާހަކަތަކެއް ދައްކައިފަ އެވެ. އެކަމާ ގުޅިގެން ބައެއް އާންމުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް