ދިރިއުޅުމުގެ ހާލަތު ބެލުން ވަގުތީގޮތުން މެދުކަނޑާލައިފި

ފެބްރުއަރީ 23، 2020: ހުޅުމާލޭގައި ހަދަމުންދާ ހިޔާ މަސްރޫއުގެ ފްލެޓްތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ ވައިރަސް އާއި ގުޅިގެން ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީ އިން ކުރިއަށްގެންދާ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

ރައީސް އޮފީހުން ބުނީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރުން ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތު ރައްކާތެރިކަން ކަށަވަރު ކުރުމަށް، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާތީ، ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީގެ މަސައްކަތްތައް މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެ ކޮމެޓީ އިން ކުރަމުންދިޔަ މަސައްކަތަކީ "ހިޔާ" މަޝްރޫއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރުމެވެ.

އެ މަސައްކަތް ހުއްޓާލާފައިވަނީ ހުރިހާ ފަރާތްތަކެއްގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް އަލުން ފެށުމުގެ ކުރިން އެކަން އިއުލާނު ކުރާނެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ދެ ވަނަ ފިޔަވަހީގައި އެޅި 7000 ފްލެޓަށް 22000 އަށް ވުރެ ގިނަ ފޯމު ހުށަހެޅި އެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ ޖެހިފައިވާ 11 މީހަކު ފެނިފައިވާއިރު އާންމުކޮށް އެއްވެ އުޅޭ ޕާކުތަކާއި މައިޒާންތައްވެސް ވަނީ ބަންދުކޮށްފަ އެވެ.

comment ކޮމެންޓް