ޓޫރިސްޓް ސަޕޯޓު ސެންޓަރުތައް ގާއިމްކޮށް ފަތުރުވެރިންނަށް ފަސޭހަކޮށްދީފި

ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހުން ހޯދުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާ ހަރުކޮށްފައި -- ފޮޓޯ/ އެޗްޕީއޭ

ހުޅުލޭ އައިލެންޑް ހޮޓެލް އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓު ސަޕޯޓު ސެންޓަރުތައް ގާއިމުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ މި ސެންޓަރުތަކަކީ ފަތުރުވެރިންގެ އެރައިވަލް އަދި ޑިޕާޗާގައި ކުރިމަތިވެދާނެ ދަތިތައް ހައްލުކޮށްދީ، ބޭނުންވާނެ މައުލޫމާތު ސާފުކޮށްދިނުމަށް ގާއިމުކުރި ސެންޓަރުތަކެއް ކަމަށެވެ.

މި ޓޫރިސްޓު ސަޕޯޓު ސެންޓަރުތަކުގައި ޓޫރިޒަމް މިނިސްޓްރީއާއި އެމްއޭސީއެލް އަދި ފުލުހުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާއަށް ރާއްޖެއިން 10 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށް މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ ޓޫރިސްޓު އެސްޓެބްލިޝްމެންޓުތަކަށް ފަތުރުވެރިން ގެނައުން ވަނީ ރެ އިން ފެށިގެން ދެ ހަފްތާއަށް މަނާކޮށްފައެވެ.

މީގެ އިތުރުން އިޓަލީއާއި ސްޕެއިން އަދި ބަންގްލަދޭޝްއިން އަންނަ މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން ވަނީ މަނާކޮށްފައެވެ. ފްރާންސް އާއި ޖަރުމަނު އަދި ސައުތު ކޮރެއާގެ ބައެއް ސަރަހައްދުތަކުން މީހުން އައުންވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.

ކޮރޯނާއާ ގުޅިގެން އަޅާފައިވާ އަނެއް ފިޔަވަޅަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ރިސޯޓުތަކަށް މީހުންދިޔުން މަނާކުރުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން މަނާކުރުމެވެ.

comment ކޮމެންޓް