ކައުންސިލް އިންތިހާބު އަހަރަކަށް ފަސްކުރަން ޖެހޭ: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އެއް އަހަރަށް ފަސްކުރަން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ކަނޑައެޅީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން އޭޕްރީލް 18 އަށް އިންތިހާބު ވަނީ ލަސްކޮށްފަ އެވެ.

އިންތިހާބާ ގުޅޭގޮތުން މެންބަރު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސިއްހަތަށް ވުރެ މުހިންމު ކަމެއް ނޯންނާނެ ކަމަށާއި، ކައުންސިލް އިންތިހާބު އެއް އަހަރަށް ފަސްކޮށްލަން ޖެހޭ ކަމަށެވެ.

އަދި މިކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެނެސް، މިހާރު ތިބި ކައުންސިލްތަކުގެ ދައުރު އެއް އަހަރަށް އިތުރުކުރަން ޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ގިނަ އެމްޑީޕީ މެމްބަރުން ވާހަކަދައްކަވާފައި ވަނީ އިންތިހާބު ފަސްކުރުމާ ދެކޮޅަށެވެ.

ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންނާއި ސަރުކާރުން ހިންގާ މައި ޕާޓީ އެމްޑީޕީންވެސް ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.

ދެ ފަރާތުން ވެސް ބުނަމުން އަންނަނީ އެ ތާރީހަކީ ގާނޫނުއަސާސީގައި ބުނާ ކެމްޕެއިން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.

ސިއްހީ ކުއްލި ހާލަތު ނިމޭނީ އަންނަ މަހުގެ 11 އަށެވެ. އެއާއެކު މިހާރު އިންތިހާބު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހާއި ކުއްލި ހާލަތު ނިމޭ ތާރީހާ ދެމެދު ކެމްޕެއިން ކުރުމަށް ލިބޭނީ ހަ ދުވަހެވެ.

އިއްޔެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އިންތިހާބު 18 ވަނަ ދުވަހަށް ފަސްކުރުމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ހިޔާލު ކޮމިޝަނާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

އިންތިހާބާ ގުޅޭގޮތުން އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާމެދު އިންތިހާބާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމިޓީގައި މަޝްވަރާކޮށްފައިވާ ކަމަށާއި، އިންތިހާބާ ގުޅޭ ގޮތުން އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް މިއަދު އިއުލާނު ކުރާނެ ކަމަށް ވެސް އީސީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް