ކޮރޯނާވައިރަސް: މެނީލާގެ ބަންދުގައި ދިވެހިން!

ފިލިޕީންސްގެ ވެރިރަށް މެނީލާ --

އެންމެ ފުރަތަމަ ކޮރޯނާވައިރަސްގެ ހަބަރުތައް އިވުމުން އޭނާ ހީކުރީ މިއީ އާދައިގެ ވައިރަލް ރޯގާއެއް ކަމަށެވެ. މެޑިކަލް ދަރިވަރަކަށް ވުމާއިއެކު، ޕްރޮފެސަރުންނާއި ކިޔަވައިދޭން އަންނަ ބައެއް ޑޮކްޓަރުންވެސް ބަލީގެ ވާހަކަތައް އޭރު ދައްކަމުން އައިގޮތުން، މިއީ މިހާ ސީރިއަސްވެދާނެ ބައްޔެއް ކަމަށް ހީވެސް ނުކުރެވެ އެވެ.

އެހެން ނަމަވެސް، އެއީ ކުށްހީ އެކެވެ. ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޮރޯނާވައިރަސް ފިލިޕީންސްއާ ހިސާބަށްގޮސް، ޗައިނާއިން ބޭރުން އެންމެ ފުރަތަމަ މަރު، ފެބްރުއަރީ 1 ގައި އެ ގައުމުން ރިކޯޑް ކުރެވި މުޅި ފިލިޕީންސް "އެލާޓް" އަށް އައެވެ. ފަހަރަކު ފިޔަވަޅެއް އަޅަމުން އަޅަމުން ގޮސް، ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ މިހާރުވަނީ އެގައުމުގެ އެންމެ މައި ސަރަހައްދު ކަމުގައިވާ މުޅި މެޓްރޯ މެނީލާ އެއްމަސްދުވަހަށް "ލޮކްޑައުން" ކޮށްފަ އެވެ.

ޖުމްލަ 12 މިލިއަން މީހުން ދިރިއުޅޭ މެޓްރޯ މެނީލާ ސަރަހައްދު އޭޕްރިލް 14އާ ހަމައަށް ލޮކްޑައުންކޮށްފައިވާއިރު، ކަނޑުމަގުންނާއި، ވައިގެމަގުން އަދި އެއްގަމުންވެސް މި ސަރަހައްދަށް ވަނުންވަނީ މަނާކޮށްފަ އެވެ. މެޑިކަލް ދާއިރާއިން މަތީ ތައުލީމު ހާސިލްކުރާ ގިނަ ދިވެހި ދަރިވަރުންތަކެއް މި ސަރަހައްދުގައި ދިރިއުޅޭއިރު، އެ މީހުންގެ ދިރިއުޅުމަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު

މެނީލާގައި މިވަގުތު ތިބި ބައެއް ކުދިން "ސަން"އާ ވާހަކަދައްކަމުން ބުނީ، އެ މީހުންގެ އާންމު ހާލަތު ރަނގަޅުކަމަށެވެ. ޗައިނާއިން ބޭރުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި މީހަކު އެންމެ ފުރަތަމަ ފެނުނު އެއްގައުމަކީ ފިލިޕީންސްކަމަށްވާ އިރު، މިހާތަނަށް އައިއިރު އެ ގައުމުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާތީ ހުރިހާ ދަރިވަރުންވެސް އެކަން ފާހަގަކުރެ އެވެ. އެއާ އެކު، މެޑިކަލް ކޮލެޖުތަކުގައި ގިނަ ކުދިން ކިޔަވަމުން އަންނައިރު، މި ބައްޔާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ކޮލެޖް އަދި ޔުނިވާސިޓީތަކުން ފޯރުކޮށްދެމުން އަންނަކަންވެސް އެކުދިން ފާހަގަކުރެ އެވެ.

ލޮކްޑައުންގެ ކުރިން ސުޕާމާޓެއްގައި--ފޮޓޯ މަނީލާގައި ތިބި ދަރިވަރުން

ލޮކްޑައުން އަށް ތައްޔާރު، ބޭނުންވާ ތަކެތި އެބަހުރި!

ހޯމަ ދުވަހުގެ ހެނދުނާއި ހަމައަށް ފިލިޕީންސްގައި ކޮވިޑް-19 އަށް ޕޮޒިޓިވް 111 ކޭސްއާއި އަށް މަރު ވަނީ ރިކޯޑް ކުރެވިފަ އެވެ. އަދި ސަސްޕެކްޓް ކުރެވޭ ކޭސްތައްވެސް ގިނަވަމުން އަންނައިރު، މެނީލާ ސަރަހައްދު ލޮކްޑައުން ކުރާކަން އިއުލާނު ކުރީ 48 ގަޑިިއިރުގެ މުހުލަތެއް ދިނުމަށްފަހު އެވެ.

"ދެ ދުވަސް ލިބުނީ ބޭނުންވާ ހުރިހާ އެއްޗެއް ގަނެ ތައްޔާރުވުމަށް. ހުކުރު ދުވަހު ގޮސް ބޭނުންވާ ހުރިހާ އެއްޗެއް ގަތިން. މީހުން އޮތީ މޯލްތަކުގައި ފުރި ބާރުވެފައި. އެކަމު އެއްޗެހި ހުރި. މީހުން ގަންނަވަރަކަށް ސްޓޮކް ކުރަމުން ދިޔައީ،" މެނީލާގައި މިވަގުތު ކިޔަވަމުން އަންނަ ދިވެހި ދަރިވަރަކު ކިޔާދިނެވެ.

އެހެން ދަރިވަރަކު ބުނިގޮތުގައި ލޮކްޑައުން އިއުލާންކުރުމާއި އެކު، ބިހާއި، ޕާން އަދި ޓިޝޫ ފަދަ ތަކެތި އެއްކޮށްހެން ސުޕާމާކެޓްތަކުން ހުސްވި އެވެ. އެއާއެކު ހާސްވި ނަމަވެސް އަނެއް ދުވަހު ހުރިހާ އެއްޗެއް ރީސްޓޮކްކޮށް އަދި އެގްރިކަލްޗްރަލް މިނިސްޓްރީ އިންވެސް ވަނީ 3-4 މަހަށް ބޭނުންވާ ހަނޑޫ، ބިސް އަދި މަހުގެ ބާވަތްތައް ލިބެން ހުންނާނެ ކަން ޔަގީން ކޮށްދީފަ އެވެ. މިކަމުން ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް ސުޕާމާކެޓްތައް ހުޅުވުމުގެ ބައިގަޑިއިރު ކުރިން ދިޔައިރު ވެސް މުޅިތަން އޮތީ އެއްކޮށްފުރިފަ އެވެ.

"ޓްރޯލީއެއް ، ބާސްކެޓެއްވެސް އަތަކު ނުޖެހުނު. އެކަމަކު ބޭނުންވި ހުރިހާއެއްޗެއްވެސް ގަނެވުނު. ވަރަށް އިރުފަހުން ކިއުގައި ހުރެގެން ސުޕާމާޓުން އެއްޗެހި ލިބުނީ" ދިވެހި ދަރިވަރަކު ބުންޏެވެ.

ކައްކާ ކެއުމަށް ބޭނުންވާ ސާމާނާއި، ސައިބޯނި އަދި ޓިޝޫ ފަދަ ބާވަތްތައް ހުރިހާ ދަރިވަރުންނަށްވެސް ލިބުނުއިރު، ދަތިކަމަކަށްވީ ސްޓްރެލައިޒާއާއި މާސްކް ހޯދުމެވެ. މި ބާވަތްތަކުން ގަންނަން ހުރި އެއްޗެހިވެސް ފަހުން ލިބެން ހުރީ ވަރަށް އަގުބޮޑުކޮށްކަން އެކުދިން ފާހަގަކުރި އެެވެ.

ހޭންޑް ސެނިޓައިޒާތައް އެއްކޮށް ހުސްވެފައި-- ފޮޓޯ: މަނީލާގައި ތިބި ބައެއް ދަރިވަތުން

ރާއްޖެ އަންނަން ބޭނުން، އެކަމަކު ކިޔެވުން ދަނީ ކުރިއަށް

ލޮކްޑައުން ވުމުގެ އިތުރަށް ފިލިޕީންސް ސަރުކާރުން ވަނީ ރޭގަނޑު 8:00 އިން ފަތިހު 5:00އާ ހަމައަށް ކާފިއުވެސް އިއުލާންކޮށްފަ އެވެ. ފިލިޕީންސްގައި މިވަގުތު ރާއްޖޭގެ އެމްބަސީއެއް ނެތްއިރު، ދިވެހި ސަރުކާރާއި އަދި ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންނާއި ދެމެދު މުވާސަލާތުކުރެވެން ފެށުނީވެސް ލޮކްޑައުން އިއުލާނުކޮށް ބައެއް ދަރިވަރުން އެނބުރި ރާއްޖެއައުމަށް އެދެން ފެށުމުން ކަމަށް ބައެއް ދަރިވަރުން ބުނެ އެވެ.

ފިލިޕީންސްގައި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ހުރިހާ ދަރިވަރުންވެސް ތިބީ އެނބުރި ރާއްޖެއަށް އަދި އާއިލާކައިރިއަށް އަންނަން ބޭނުންވެފަ އެވެ.

"މި ބަލީގެ ގޮތުން ދެން ވާނެ ގޮތެއް ނޭނގެ. މިހެން ތިބެން ޖެހޭނީ ކިހާދުވަހަކު ކަމެއް ނޭނގެ. މިކޮޅުގެ ބޭސްފަރުވާ ވަރަށް އަގުބޮޑު. ހެލްތް އިންޝުއަރެންސް އެއް ނެތި ބަލިވެއްޖެނަމަ ބޭސްފަރުވާއަށް ވަރަށް ބޮޑު ހަރަދެއް ދާނެ. އެކަންކަމާ ވަރަށް ބިރުގަނޭ" ދަރިވަރުން އެކުދިންގެ އިހުސާސްތައް ކިޔައިދެމުން ބުންޏެވެ.

ނަމަވެސް މި ދަނޑިވަޅަކީ ރާއްޖެ އެނބުރި އަންނަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ގިނަ ކުދިން ބުނެ އެވެ. ސަބަބަކީ ފިލިޕީންސްއާއި ރާއްޖެއާއި ދެމެދު ޑައިރެކްޓް ފްލައިޓެއް ނެތި، އެއާޕޯޓްތަކުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާތީވެ އެވެ.

އެއާއެކު، ގިނަ ކޮލެޖްތަކުގެ އިމްތިހާން މާޗްމަހުގެ ފަހުކޮޅަށް ތާވަލްކުރެވިފައިވާއިރު، އޮންލައިންކޮށް ކިޔެވުމުގެ ކަންކަން ކުރިއަށްދާތީ މާލެއައިސް އަނެއްކާ ކިޔެވުމަކީ ފަސޭހަ ގޮތެއް ނޫންކަމަށް އެކުދިން ދެކެ އެވެ.

ޕެނިކް ވުމެއްނެތް، ބޭނުންވަނީ ހެޔޮ ދުއާ!

އަމިއްލަ ގައުމާއި އާއިލާ އާއި ދުރުގައި، ނުރައްކާތެރިކަން އެހާމެ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންގެ ހިތްވަރަކީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ވައިބާ މެދުވެރިކޮށް ހުރިހާ އެންމެނަށްވެސް އެކަކު އަނެކަކާ ވާހަކަދައްކާލެވޭ ގްރޫޕެއް ހެދިފައިވާއިރު އެ ގްރޫޕް މެދުވެރިކޮށް މެދުނުކެނޑި އެ ކުދިންނަށް އަޕްޑޭޓްތައް ލިބޭ ކަމަށް ބުންޏެވެ.

"އަނެއްހެން މާކަބޮޑު 'ޕެނިކް' ވުމެއް ނެތް،" ހާސްވެފައިހުރިތޯ އަހާލުމުން ދަރިވަރަކު ބުންޏެވެ. މިވަގުތު ބޭނުންވަނީ ވީހާވެސް ބޮޑަށްް އަޕްޑޭޓްވެ ތިބުން ކަމަށްވެސް އެކުދިން ބުނެ އެވެ. ނަމަވެސް ހާލަތު އިތުރަށް ގޯސްވާނަމަ، ރާއްޖެދިއުމަކީވެސް ބައެއް ކުދިންގެ އެދުމެކެވެ.

ދިވެހި ސަރުކާރުގެ އެދުމާއި އެއްގޮތަށް މިވަގުތު ހުރިހާ ކުދިންހެންވަނީ ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީގައި ރެޖިސްޓްރީވެފަ އެވެ. އެކުދިންގެ އުންމީދަކީ ހާލަތު އިތުރަށް ގޯސްނުވެ ރައްކާތެރިކަމާއި އެކީގައި ތިބެވުމެވެ.

comment ކޮމެންޓް