ގްރޭޑް 10ގެ ދަރިވަރުންގެ ފިލާވަޅުތައް މާދަމާ ޔެސް ޓީވީއިން

މަޖީދިއްޔާ ސުކޫލް ދަރިވަރުންތަކެއް އެސުކޫލް ބޭރުގައި މަޑުކޮށްލައިގެން: -- ސަން ފައިލް ފޮޓޯ

ގްރޭޑް 10އެއްގައި ކިޔަވާ ދަރިވަރުންގެ ފިލާވަޅުތައް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޗެނަލް ޔޭސްޓީވީ މެދުވެރިކޮށް މާދަމާ ގެނެސްދޭން ނިންމައިފި އެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަަތަ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް އަންނަ ހަފްތާ ފެށެންދެން އޮތީ ބަންދުކޮށްފަ އެވެ. މިއީ ރާއްޖޭގައި ޓީވީ ޗެނަލެއް މެދުވެރިކޮށް ކިޔަވައިދޭ ފިރަތަމަ ފަހަރެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ހާމަކުރި ގޮތުގައި، މާދަމާ "ޔެސް ޓީވީ"ން ދަރިވަރުންގެ ފިލާވަޅުތައް ގެނެސްދޭން ފަށާ "ޓެލެ ކިލާސް"ތައް ފަށާނީ ހެނދުނު 8:00 އިން ފެށިގެންނެވެ. އެގޮތުން މާދަމާ މެންދުރު 2:00 އަށް ފިލާވަޅުތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.

އެގޮތުން ނަގައިދޭ މާއްދާތަކަކީ؛ އިސްލާމް، އިނގިރޭސި، ހިސާބު، ކޮމްޕިޔުޓަރު ސްޓަޑީޒް އަދި ދިވެއްސެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓީވީ ޗެނަލްއެއް މެދުވެރިކޮށް ފިލާވަޅުތައް ގެންދިއުމުން އިންޓަނެޓް ރަނގަޅަށް ނުލިބޭ ރަށްތަކަށްވެސް ދަތިކަމެއް ނެތި ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނެ ކަމަށެވެ.

ސްކޫލްތައް އިތުރަށް ބަންދުކުރަން ޖެހިއްޖެ ހާލަތަަކަށް ތައްޔާރުވުމުގެ ގޮތުން ދެން ބޭނުންކުރާނެ ސްކީމާއި ފިލާވަޅުތަކަށް ބޭނުންވާނެ އެހީއާއި އެތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ޓީޗަރުން މި ފެށޭ ހަފްތާގައި ކުރިއަށްގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، ރާއްޖޭގައި ހިންގާ ޔުނިވަސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް ބަންދުކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިއަދު ވަނީ އަންގަވާފަ އެވެ.

މިހާތަނަށް ރާއްޖޭގައި 10 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވެ އެވެ. އެއީ؛

  • ކުރެއްދޫ އައިލެންޑް ރިސޯޓް: 5 މީހަކު.
  • ސޭންޑީޒް ބަތަލާ ރިސޯޓް: 2 މީހަކު.
  • ކުރަމަތި އައިލެންޑް ރިސޯޓް: 2 މީހަކު.
  • އަނަންތާރާ ދިގު ރިސޯޓް: 1 މީހަކު.

ޕޮޒިޓިވްވި އެންމެންނަކީ ވެސް، ރިސޯޓްތަކަށް އައި ޓޫރިސްޓުން ނުވަތަ އެ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީންނެވެ. އެގޮތުން ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކަށް ކޮރޯނާވައިރަސް ޖެހިފައިވެ އެވެ. އޭގެ ތެރެއިން އެކަކަށް ކޮރޯނާވައިރަސް ޖެހުނީ، އެ ރިސޯޓްގައި ޗުއްޓީ ހޭދަކުުރުމަށް ފަހު ގައުމަށް ދިޔަތަކުން ޕޮޒިޓިވްވި އިޓަލީ ޓޫރިސްޓެއްގެ ކިބައިންނެވެ.

comment ކޮމެންޓް