ކޮރޯނާވައިރަހުގެ ސަބަބުން "ޖާޒީ"ގެ ޝޫޓިން މެދުކަނޑަލައިފި

ޖާޒީގައި ޝާހިދު ފެނިގެންދާނީ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން---

ކަބީރު ސިންހްގެ ކާމިޔާބަށް ފަހު ބޮލީވުޑްގެ ކުޅަދާނަ ތަރި ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޖާޒީ"ގެ ޝޫޓިން މެދުކަނޑާލައިފިއެވެ.

ޖާޒީގެ ޝޫޓިން މެދުކަނޑާލީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19ގެ ސަބަބުންނެވެ. ފިލްމުގެ އެކްޓަރު ޝާހިދު ކުރި ޓްވީޓެއްގައި ބުނީ މިވަގުތު ހުރިހާ އެންމެންނަށްވެސް އެންމެ ރައްކާތެރި ގޮތަކީ ޝޫޓިން މެދުކަނޑާލައި އެމީހުންގެ އާއިލާއާއެކު ގޭގައި ތިބުން ކަމަށެވެ.

"ޖާޒީ"ގެ ޝޫޓިން ކުރިއަށްދަނިކޮށް ބަތަލު ޝާހިދަށް ވަނީ ބޮޑު އަނިޔާއެއްވެސް ވެފައެވެ. އޭނާއަށް އަނިޔާވި ފިލްމުގެ މަންޒަރެއް ޝޫޓްކުރުމުގެ ކުރިން ޖެއްސި ފައިނަލް ޕްރެކްޓިސެއްގައެވެ. ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމުގައި ކްރިކެޓް ކުޅެން ފަރިތަކުރަމުން ދަނިކޮށް ބެޓުން ޖެހި ބޯޅަ ވަނީ ޝާހިދުގެ އަނގަމަތީގައި ޖެހި ފަޅައިގެން ގޮސްފައެވެ. އަދި އޭނާގެ އަނގަމަތި 13 ފަހަރު ފަހާފައިވެއެވެ.

ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ މުރްނާލް ތާކޫރްއެވެ. ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް