ކައުންސިލް އިންތިހާބަށް އެއްވެސް ޕާޓިއަކާއެކު ކޯލިޝަނެއް ނެތް: އެމްޑީއޭ

އެމްޑީއޭއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭޕްރީލް 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން އެއްވެސް ސިޔާސީ ޕާޓީއަކާ ކޯލިޝަން ހަދާފައިނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީއޭއިން ބުނީ ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެމްޑީއޭ އާއި ޕީޕީއެމްއާ ދެމެދު ކޯލިޝަން ގުޅުމެއް އުފައްދާފައިވާ ކަމަށް ސިފަވާ ގޮތަށް ބައެއް ފަރާތްތަކުން ޕޯސްޓަރުތައް ދައުރު ކުރަމުންދާ ކަމަށެވެ.

އެފަދަ ލިޔުންތަކުގެ ސަބަބުން އާންމުންނަށް އޮޅުން އަރަމުންދާ ކަމަށާއި ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެމްޑީއޭއިން ބުނެ އެވެ.

އެމްޑީއޭގެ ރަސްމީ އިޒުނައަކާ ނުލައި މިފަދަ ގުޅުމެއް ސިފަވާ ގޮތަށް އެ ޕާޓީގެ ކުލަ އާއި ލޯގޯ އެއްވެެސް ފަރާތަކުން ބޭނުން ނުކުރުމަށް ވެސް އެމްޑީއޭއިން އެދިފައިވެ އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ކުރިން ބާއްވަން ނިންމާފައި އޮތީ އޭޕްރީލް ހަތަރުވަނަ ދުވަހު އެވެ.

ނަމަވެސް، ރާއްޖޭން ކޮރޯނާ ވައިރަސް ފެނި، ސަރުކާރުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއެކު އެ އިންތިހާބު އޭޕްރީލް 18ވަނަ ދުވަހަށް ވަނީ މިހާރު ފަސްކޮށްފަ އެވެ.

comment ކޮމެންޓް