ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދައިފިއެވެ. އަދި އިންތިހާބާ ގުޅޭ ގޮތުން އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް މާދަމާ އިއުލާންކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 އާ ގުޅިގެން އާންމު ސިއްހީ ނުރައްކަލުގެ ހާލަތު ރާއްޖޭގައި 30 ދުވަހަށް އިއުލާން ކުރުމާއެކު އީސީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންތިހާބު އަންނަމަހު 18 ފަސްކޮށްފައެވެ. ކުރިން އިންތިހާބު ބޭއްވުމަށް ތާވަލުކުރީ އަންނަ މަހު ހަތަރަކަށެވެ.
މިއަދު އިސީން އިންތިހާބާ ގުޅޭގޮތުން އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާމެދު އިންތިހާބާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމިޓީގައި މަޝްވަރާކުރައްވާފައެވެ.
އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު "ސަން"އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި އިންތިހާބު 18 ވަނަ ދުވަހަށް ފަސްކުރުމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ހިޔާލު ކޮމިޝަނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި އެ ހިޔާލާއި އަދި އިންތިހާބާ ގުޅިގެން ދެން ކުރިއަށް ދާނެ ގޮތަކާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ.
"ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާ ކުރީ 18 ގައި ބާއްވާނީތޯ ނުނީ ދެން ކޮބާތޯ ކުރިއަށް ދެވޭނެ ގޮތަކީ. ޕާޓީތަކުގެ މަޝްވާރާ ކޮމިޓީއަށް ދީފައި އޮތީ. މިކަމާ ގުޅޭގޮތުން މާދަމާ ގޮތެއް ނިންމައި، ރައްޔިތުންނަށް މާދަމާ ހާމަކުރާނަން،" އަކްރަމް ވިދާޅުވިއެވެ.
އިންތިހާބު 18 ވަނަ ދުވަހަށް ފަސްކުރުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެ ކޯލިޝަނުން ބުނި ގޮތުގައި އެ ތާރީހަކީ ގާނޫނުއަސާސީގައި ބުނާ ކެމްޕެއިން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. އެއާއެކު ކޯލިޝަނުން އެދުނީ މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސްކުރުމަށެވެ.
ސަރުކާރުން ހިންގާ މައި ޕާޓީ އެމްޑީޕީންވެސް ބުނަމުންްދަނީ އެއީ ކެމްޕެއިންނަށް އެކަށީގެންވާ މުއްދަތެއް ނޫން ކަަމަށެވެ.
އަކްރަމް ވިދާޅުވީ، އީސީން ދެން މިކަމާ މެދު ގޮތެއް ނިންމަވާއިރު އެކަންކަމަށްވެސް ރިއާޔަތްކުރާނެ ކަމަށެވެ.
އާންމު ސިއްހީ ކުއްލި ހާލަތު ނިމޭނީ އަންނަ މަހުގެ 11 އަކަށެވެ. އެއާއެކު މިހާރު އިންތިހާބު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހާއި ކުއްލި ހާލަތު ނިމޭ ތާރީހާ ދެމެދު ކެމްޕެއިން ކުރުމަށް ލިބޭނީ ހަ ދުވަހެއެވެ.
ރާއްޖޭގެ މިހާތަނަށް ހަތަރު ރިސޯޓަކުން 10 ބިދޭސީން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައެވެ.