ކޮރޯނާވައިރަސް: ތިންމަހުގެ ބޭސް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް ބޭސްތައް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ

ޒަރޫރީބޭނުންތަކަށް ކޮންމެހެން ބޭނުންވާ ބޭސްތަކުގެ ތެރެއިން ތިން މަސްދުވަހަށް ބޭނުންވާ ބޭސް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރޭތީ ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ ޑޮކްޓަރުންގެ ޓީމަކާއި ޕެރަމެޑިކްސްއާއި ސްޕެޝަލިސްޓުންގެ އިތުރުން ޓެކްނީޝަނުންވެސް ރާއްޖެއަށް ފޮނުވައިފަ އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންޑިއާއިން ހަދިޔާ ކުރި ބޭސްތަކާ ރަސްމީ ގޮތުން ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އިންޑިއާގެ އެހީއަށް ޝުކުރު ދަންނަވައި ޝާހިދު ވިދާޅުވީ އެއް ގައުމަކަށް އެކަނި ކޮރޯނާގެ ވަބާއާ ކުރިމަތި ނުލެވޭނެ ކަަމަށެވެ. އަދި ދެގައުމު ގުޅިގެން އެކަމުގައި މަސައްކަތް ކޮށްފި ނަމަ މިވައިރަހުން އަރައިގަނެވޭނެ ފަހި މަގެއް ފެންނާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

އިންޑިއާގެ އިތުރުން އެމެރިކާއިންވެސް ވަނީ ކޮރޯނާ ބަލި ފެތުރޭތީ ރާްއްޖެއަށް މެޑިކަލް އެހީ ފޯރުކޮށްދީފަ އެވެ.

ރާއްޖެއިން މިހާތަނަށް 10 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ އިރު ރާއްޖޭގެ ރިސޯޓުތަކުން ރަށްރަށަށް މީހުން ދިޔުމާއި ރަށްރަށުން މީހުން ރިސޯޓުތަކަށް ދިޔުން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ކޮރޯނާވައިރަހަށް ޝައްކުވެގެން މިހާތަނަށް 120 ސާމްޕަލެއް ޓެސްޓުކޮށްފައިވާ އިރު 110 ސާމްޕަލެއް ވަނީ ނެގެޓިވް ވެފަ އެވެ.

comment ކޮމެންޓް