ކޮރޯނާވައިރަސް: މާފުށި ޖަލު ޑިސްއިންފެކްޓްކުރަން ފަށައިފި

މާފުށީ ޖަލު ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރަނީ---ފޮޓޯ: ކަރެކްޝަންސް

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން މާފުށީ ޖަލު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކަރެކްޝަންސްއިން މިއަދު ބުނީ، ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ދަށުން ރާއްޖޭގެ މައި ޖަލު މާފުށީ ޖަލު މިއަދުން ޑިސްއިންފެކްޓް ކުރަން ފަށާފައިވާ ކަމަށެވެ.

ކަރެކްޝަންސްއިން ބުނީ އެ ހަރަކާތުގައި ޖަލުގެ ގޮޅިތަކާއި ފާހާނާތަކާއި ކޮރިޑޯތަކުގެ އިތުރުން ގައިދީންނާއި ބޭނުންކުރާ އާންމު ތަންތަންވެސް ސާފުކޮށް ޑިސްއިންފެކްޓްކުރާނެ ކަމަށެވެ.

އޭގެ އިތުރުން ކޮރޯނާވައިރަހަށް ގައިދީން ހޭލުންތެރިކުރުމުގެ ގޮތުން، މައުލޫމާތު ވެސް ހިއްސާކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

ކޮރޯނާ ފެތުރޭތީ މިހާރު ވަނީ 30 ދުވަހަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފަ އެވެ.

ކޮރޯނާވައިރަސް ފެތުރުމުގެ ބިރު އޮތުމުން، މާލޭގެ މިސްކިތްތަކުގެ ކާޕެޓް ވެސް މިހާރު ވަނީ ނަގައި އެތަންތަން ޑިސްއިންފެކްޓް ކުރަން ފަށައިފަ އެވެ.

އޭގެ އިތުރުން މާލޭގައި ދުއްވާ ބަސްތައް ވެސް މިހާރު ދަނީ ޑިސްއިންފެކްޓްކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް 10 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު ރާއްޖޭގެ ރިސޯޓުތަކުން ރަށްރަށަށް މީހުން ދިޔުމާއި ރަށްރަށުން މީހުން ރިސޯޓުތަކަށް ދިޔުން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ކޮރޯނާވައިރަހަށް ޝައްކުވެގެން މިހާތަނަށް 120 ސާމްޕަލެއް ޓެސްޓުކޮށްފައިވާ އިރު 110 ސާމްޕަލެއް ވަނީ ނެގެޓިވް ވެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހަށް ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖެއަށް އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް