ޓޫރިޒަމްގެ ޓްރަސްޓު ފަންޑުން، ބޭރުގެ މެޑިކަލް ޓީމެއް ގެންނަނީ

ޖެނުއަރީ 30، 2020: ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ސަރުކާރުން ނިންމަން ޖެހޭ ކަންތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -*- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް ދާއިރާގެ ޓްރަސްޓު ފަންޑުން ހަރަދުކޮށްގެން ރާއްޖެއިން ބޭރުގެ މެޑިކަލް ޓީމެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެމެރިކާއާއި އިނގިރޭސިވިލާތް އަދި އެފްރިކާގެ ޑޮކްޓަރުން ހިމެނޭ ޓީމެއް އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.

އެ ޓީމުން އެއް މަހު ރާއްޖޭގައި ތިބޭނެ ކަމަށާއި އެކަމަށް ހަރަދު ކުރާނީ ޓޫރިޒަމްގެ ޓްރަސްޓު ފަންޑުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޓޫރިޒަމްގެ ޓްރަސްޓް ފަންޑުން، އިންޑަސްޓްރީގެ އެހީތެރިކަމާއެކު، އެމެރިކާ އާއި އިނގިރޭސި ވިލާތާއި އެފްރިކާގެ ޑޮކްޓަރުންނާއި ނަރުހުން އަދި މިކަހަލަ ކަންކަމަށް އެޓެންޑުކުރާ ޓީމެއް ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ. އަޅުގަނޑުމެން މި ދެކޭގޮތުގައި ކުރިއަށް މި އޮތް ހަފްތާތައް ވާނީ މިކަމުގައި އެކަށީގެންވާ ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްތަކަކަށް. އެހެންވީމާ އަޅުގަނޑުމެން އެއް މަސް ދުވަހަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އެބަ މި ޓާސްކްފޯހަށް ހަދިޔާކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މި ޓީމުން މަސައްކަތްކުރާނީ ކ. ވިލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް ޓްރަސްޓް ފަންޑަކީ ރިސޯޓުތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރަން ނަގާ ފީއާއި ސީއެސްއާރު ފައިސާ ޖަމާކުރާ ފަންޑެކެވެ.

ވިލިވަރުގައި މިހާރު 50 އެނދުގެ ފެސިލިޓީއެއް ގާއިމުކޮށްފައިވާއިރު އެ ކެޕޭސިޓީ 100 އަށް އިތުރު ކުރުމުގެ މަސައްކަރް ވަނީ ފަށައިފައެވެ. ވިލިވަރު ފޭސް އެކަކަށް ޓޫރިޒަމްގެ ޓްރަސްޓު ފަންޑުން 2.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ 10 މީހަކު ފެނިފައިވާއިރު ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައެވެ.

comment ކޮމެންޓް