ދީނަށް ފުރައްސާރަކޮށް ޓްވީޓު ކުރާ މައްސަލައެއް ބަލަނީ

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އިސްލާމްދީނަށް ފުރައްސާރަކޮށް ޓްވީޓުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށާއިފިއެވެ.

ފުލުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އިސްލާމްދީނަށް ތައުހީނުކޮށް ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފުވާ ކޮންޓެންޓް ޓްވީޓު ކުރާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ދީނަށް ފުރައްސާރަކޮށް ޓްވީޓު ކުރާ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު ދީނަށް ފުރައްސާރަކޮށްގެން މިދޔަ ސެޕްޓެމްބަރު މަހު ގދ ތިނަދޫ އިން ހައްޔަރު ކުރި މީހާ ވަނީ މިދިޔަ ހަފްތާ ކޯޓުން ދޫކޮށްލައިފައެވެ.

ޝަރީއަތުން ގޮތެއް ނިންމަންދެން ބަންދުކޮށްފައި ހުރި މީހާ ދޫކޮށްލާފައިވަނީ އޭނާ ބަންދުން ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓު ކޯޓުން އަމުރުކުރުމުން މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޓްވިޓާ މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫޖެހި މައްސަލާގައި ހައްޔަރުކޮށްފައިވަނީ "ރުސްތުމް" ނަމަކަށް ކިޔާ ޓްވިޓާ ހޭންޑުލްއަކުން ޓްވީޓްކުރާ މީހެކެވެ.

އެ މީހާ ބުނެފައި ވަނީ ދީނާ ދެކޮޅު އެއްވުމެއް ތިނަދޫގައި އޭނާ ބާއްވައި އަދި ޒުވާނުންނަށް އޭނާ ދެކޭ ގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދި ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށާއި އިތުރު އެއްވުންތައް ވެސް ބާއްވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މީގެ އިތުރުން މާތްﷲ އާއި ރަސޫލާއަށް ބަދުބަސްތައް ރައްދުވާ ފަދަ އެއްޗިހި ވެސް އޭނާ ޓްވީޓްކޮށްފައިވެ އެވެ. ބަންދުން ދޫކޮށްލުމާއެކު އެ ހޭންޑްލް އިން އަނެއްކާވެސް އިސްލާމްދީނަށް ފުރައްސާރަކޮށް ޓްވީޓު ކޮށްފައިވެއެވެ.

comment ކޮމެންޓް