ފިލިޕީންސްގައި ތިބި ދިވެހިން ރެޖިސްޓްރީވާން އެދެފި

ފިލިޕީންސްގެ ރައްޔިތުންތަކެއް މާސްކު އަޅައިގެން

ފިލިޕީންސްގައި ތިބި ދިވެހިން ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީގައި ރެޖިސްޓްރީ ވާން ސަރުކާރުން އެދެފިއެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ފިލިޕީންސްގެ ވެރިރަށް މެނީލާ ވަނީ ލޮކްޑައުން ކޮށްފައެވެ.

ކޮރޯނާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ގިނަ އަދަދެއްގެ މެޑިސިން ކިޔަވާ ދިވެހި ދަރިވަރުން މެނީލާގައި އެބަތިބި ކަމަށާއި އެކުދިންގެ ހާލަތު ސަރުކާރުން ބަލަމުންދާ ކަމަށެވެ.

އެގޮތުން ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީ ގުޅިގެން އެކުދިންގެ ހާލު ބަލަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފިލިޕީންސްގައި ތިބި ދިވެހިން ބަންގްލަދޭޝް ހައިކޮމިޝަނުގައި ރެޖިސްޓްރީވާން މިހާރު ވަނީ އެދިފައެވެ.

ކޮވިޑް19 ޖެހިފައިވާ 64 މީހަކު ފިލިޕީންސް އިން ފެނިފައިވާއިރު ފަސް މީހަކު ވަނީ މަރުވެފައެވެ.

ރާއްޖެއިން މި ބަލި ޖެހިފައވާ ނުވަ މީހަކު ފެނިފައިވާއިރު ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ ވަނީ އިއުލާނު ކޮށްފައެވެ.

comment ކޮމެންޓް