ފެނަކައިގެ މާބަނޑު މުވައްޒަފުން ގޭގައި ތިބެ މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު --- ފޮޓޯ/ފެނަކަ

ކޮވިޑް19ގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި ފެނަކައިގެ މުވައްޒަފުންގެ ތެރެއިން މާބަނޑު މީހުން ގޭގައި ތިބެ މަސައްކަތް ކުރެވޭ ގޮތަށް އެކުންފުނިން ހަމަޖައްސައިފިއެވެ.

ރާއްޖޭން ވެސް ކޮވިޑް19 ފެނި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އިއުލާނު ކުރުމާއެކު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވަނީ އެކުންފުނީގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތަށް ބަދަލުތަކެއް ގެންނަވާފައެވެ.

އެގޮތުން މާޗް 15 ވާ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މަސައްކަތްވެސް ގުރުއާނުގެ ބަރަކާތުންނާއި ބަލިމަޑުކަމުން ދިންނެވުމަށް އެދި ކުރާ ދުއާއަކުން ފެށުމަށް ވަނީ ނިންމާފައެވެ.

ހަމައެއާއެކު މިވަގުތު ފެނަކައިގެ ތިބި މާބަނޑު އަންހެނުން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ރާއްޖޭން ކޮވިޑް-19 ފެނިފައިވާތީ މި ދުވަސްވަރު ސިވިލް ސާވިސްގެ އިދާރާތަކުން ހިދުމަތް ދިނުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކެއް ސިވިލް ސާވިސް ކޮމިޝަނުން ވެސް ވަނީ ކަނޑައަޅާފައެވެ.

https://sun.mv/132911

comment ކޮމެންޓް