ނޭޕާލުން ވިސާ ދޫކުރުން ހުއްޓާލައި، މައުންޓް އެވަރެސްޓް ބަންދުކޮށްފި

މައުންޓު އެވަރެސްޓަށް ބަޔަކު އަރައި: އެ ފަރުބަދަ ހިމެނޭ ގޮތަށް ނޭޕާލްގެ ހިމާލަޔާ ފަރުބަދަތައް ވަނީ ބަންދުކޮށްފައި --- ފޮޓޯ/ ނިރްމަލް ޕުރްޖާ

ކޮރޯނާވައިރަސްއާ ގުޅިގެން ނޭޕާލް ސަރުކާރުން ޓޫރިސްޓް ވިސާ ދޫކުރުން މަޑުޖައްސާލައި، ދުނިޔޭގެ އެންމެ އުސް އެވަރެސްޓް ފަރުބަދަ ހިމެނޭގޮތަށް ހިމާލަޔާ ފަރުބަދަ ރޭންޖު ބަންދުކޮށްފިއެވެ.

ދުނިޔޭގެ އެންމެ އުސް 14 ފަރުބަދަ ހުންނަ ނޭޕާލުން ފަރުބަދަތަކަށް އެރުމަށް ދޫކުރާ ހުއްދަ ދޫކޮށްގެން ޕާމިޓް ފީގެ ގޮތުގައި އަހަރަކު ހަތަރު މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައެވެ. ޓޫރިސްޓް ވިސާއާއި ފަރުބަދައަށް އަރާ ހުއްދަ ދޫކުރުން މަޑުޖައްސާލުމަ ގުޅިގެން ނޭޕާލްގެ އިގްތިސޯދަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.

ނެޕާލްގެ ސަރުކާރުން ކުރި އިއުލާނެއްގައި ބުނީ ޓޫރިސްޓް ވިސާ ދިނުން މަޑުޖައްސާލާފައިވަނީ އޭޕްރިލް 30 ގެ ނިޔަލަށް ކަމަށެވެ. އަދި ހިމާލަޔާ ފަރުބަދަތަކަށް އެރުން މަނާކުރީވެސް އޭޕްރިލް 30 ގެ ނިޔަލަށެވެ. މި ނިންމުމާއެކު، މިހާތަނަށް ހުއްދަ ދޫކުރަން ނިންމާފައިވާ ފަރާތްތަކަށްވެސް ހުއްދަ ބާތިލުކުރެވޭނެކަމަށް ނޭޕާލް ސަރުކާރުން ބުންޏެވެ.

އުސްމިނުގައި 8،848 މީޓަރު ހުންނަ މައުންޓް އެވަރެސްޓަށް އެރުމުގެ ހުއްދަ ލިބެނީ 11،000 ޑޮލަރުގެ ފީއެއް ނޭޕާލް ސަރުކާރަށް ދައްކައިގެންނެވެ. ސަރުކާރުން ނަގާ އެ ފީ ބޮޑުކުރުމަށްވެސް ނޭޕާލްގެ ސަރުކާރުގެ ތެރޭގައި މަޝްވަރާކުރެވުނެވެ. ނަމަެވސް އެކަމާ ގުޅޭގޮތުން އަދި ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ކޮރޯނާވައިރަސް (ކޮވިޑް19) ދެކުނު އޭޝިއާގެ ގައުމުތަކުގައިވެސް ފެތުރެމުންދާ އިރު ނޭޕާލުން މިހާތަނަށް ވައިރަށް ޕޮޒިޓިވް ވެފައިނީ އެކެކެވެ. އަވައްޓެރި އިންޑިއާއިން 70 މީހުން ޕޮޒިޓިވްވެ އެކަކު ވަނީ މަރުވެފައެވެ. ޕާކިސްތާނުން 20 މީހުން ޕޮޒިޓީވްވި އިރު، ސްރީލަންކާއިން ދެ މީހުން އަދި ރާއްޖެއިން އަށް މީހުން ވަނީ ޕޮޒިޓީވްވެފައެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 125 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 135,846 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 70,427 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 4,990 އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރޭ ވަނީ ކޮވިޑް-19 އަކީ "ޕެންޑަމިކް" ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިއީ ކޮރޯނާވައިރަސްއަކާ ގުޅިގެން "ޕެންޑަމިކް" ކަނޑައެޅި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް