ކޮވިޑްއާ ގުޅިގެން ސަރުކާރުން ހިދުމަތް ދިނުމުގައި އަމަލުކުރާ ގޮތްތައް ކަނޑައަޅައިފި

ސަރުކާރުގެ ގިނަ މިނިސްޓްރީތަކުގެ އޮފީސްތައް ހުންނަ ވެލާނާގެ އިމާރާތް-- ސަން ފައިލް ފޮޓޯ

ރާއްޖޭން ކޮވިޑް-19 ފެނިފައިވާތީ މި ދުވަސްވަރު ސިވިލް ސާވިސްގެ އިދާރާތަކުން ހިދުމަތް ދިނުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

މި ބައްޔަކީ ފަސޭހައިން ފެތުރޭ ބައްޔަކަށް ވުމާއެކު އެ ފިޔަވަޅުތައް ބައްޓަންކޮށްފައިވަނީ ރޯގާ ފެތުރުން ކުޑަކުރުމަށާއި ސަރުކާރު ހިންގުމުގެ ހަރަދު ކުޑަކުރުމުގެ އިތުރުން މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

ރީނދޫ އެލާޓް (ލެވެލް 2)ގައި އަޅާ ފިޔަވަޅުތައް

  • ކޮވިޑް19ގެ އެއްވެސް އަލާމާތެއް ފާހަގަވެގެން މުވައްޒަފަކު އެންގުމުން، މަސައްކަތަށް ނުނިކުމެ ހުންނަން ފުރުސަތު ދިނުމަށް މުސާރައާއި އިނާޔަތް ލިބޭ ހާއްސަ ޗުއްޓީއެއް ދިނުން [އާންމުންގެ ތެރެއަށް ނިކުމެ އުޅެން ރައްކާތެރިކަމަށް ކަމާބެހޭ އިދާރާއަކުން އަންގަންދެން]
  • ބަލިހާލަތު ހުރި ގޮތުން ނުވަތަ ކުރަންޖެހޭ މަސައްކަތުގެ ބާވަތުން މަސައްކަތަށް ނުނިކުންނަން ޕާމަނަންޓް ސެކެޓްރީއެއް ނުވަތަ ޒިންމާދާރު ވެރިއަކު މުވައްޒަފަކަށް އަންގާ ގޮތެއްގެ މަތިން، ގޭގައި ހުރުމުގެ ފުރުސަތު އެ މުވައްޒަފަކަށް ދިނުމަށްޓަކައި މުސާރައާއި އިނާޔަތް ލިބޭ ޗުއްޓީއެއް ހަމަޖައްސައި ދިނުން
  • ސަރުކާރުގެ އިދާރާތަކުން ހިދުމަތް ހޯދުމުގައި ފިންގަޕްރިންޓް ޖަހާގޮތަށް ހަމަޖެހިފައިވާނަމަ، ފިންގަޕްރިންޓްއާ ނުލައި އެ ހިދުމަތް ދޭ ގޮތަށް ބަދަލު ގެނައުން
  • ސަރުކާރުގެ އިދާރާތަކުން ބާއްވާ ބައްދަލުވުންތަކާއި ހަފްލާތަކާއި ތަމްރީނު ޕްރޮގްރާމުތައް ނުބޭއްވުން، ކޮންމެހެން ބާއްވަން ޖެހޭނަމަ ޓެލެކޮންފަރެންސިން ފަދަ ވަސީލަތްތަކުގެ އެހީގައި އެކަން އިންތިޒާމު ކުރުން

މީގެ އިތުރުން ސަރުކާރުން ކޮންމެހެން ދޭން ޖެހޭ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން މަސައްކަތަށް ނެރެގެން އެކަން ކުރިއަށް ގެންދަން މަގުފަހި ކުރުމަށްޓަކައި އެފަދަ ހާލަތެއްގައި ހިދުމަތް ދޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އަންގާފަ އެވެ.

އެ ޕްލޭން އެކުލަވާލުމަށްފަހު މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ސަރުކާރުގެ ހުރިހާ އިދާރާތަކުން ވެސް އެ ކޮމިޝަނަށް އެ ޕްލޭން ފޮނުވަން ޖެހޭނެ އެވެ.

އޮރެންޖް އެލާޓް (ލެވެލް 3)ގައި އަޅާ ފިޔަވަޅުތައް

އޮރެންޖު އެލާޓް އިއުލާނުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އެ ސަރަހައްދެއްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވަކި ބަޔަކު މަސައްކަތަށް ނުނިކުމެ ތިބުމަށް މުސާރައާއި އިނާޔަތްތައް ހިނގާ ގޮތަށް ޗުއްޓީއެއް ހަމަޖައްސައި ދޭން ޖެހޭނެ އެވެ.

މި ލެވެލްގައި މަސައްކަތަށް ނުނިކުންނަން ކަނޑައަޅާފައިވާ ފަރާތްތަކަކީ ހިތުގެ ބަލި، ފުއްމާޕޭގެ ބަލި، ކެންސަރު ބަލި، ހަކުރު ބަލި އަދި ލޭ މައްޗަށް ދިއުން ފަދަ ބަލިތައް ހުންނަ މުވައްޒަފުންނާއި މާބަނޑު މުވައްޒަފުންނާއި އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނެވެ.

ރަތް އެލާޓް (ލެވެލް 4)ގައި އަޅާ ފިޔަވަޅުތައް

  • ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫން އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުން، މަސައްކަތަށް ނުނެރެ ބައިތިއްބާ ދުވަސްތަކަށް މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ޗުއްޓީ ހަމަޖައްސައިދިނުން
  • ސަރުކާރުގެ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެ ކުރެވޭ މަސައްކަތްތައް، ގޭގައި ތިބެގެން ކުރެވޭނެ ގޮތް ހަމަޖައްސައިދިނުން

ކޮވިޑް19އާއި ގުޅިގެން ސަރުކާރު މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކުގައި ކޮންމެހެން ދާން ޖެހިގެން ނޫނީ ރަށުން ބޭރަށް ދިއުމާއި އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުމުގެ އިތުރުން ގޭން ބޭރަށް ދިއުން ފަދަ ކަންކަން ނުކުރުމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން އިލްތިމާސް ކުރެ އެވެ.

ރާއްޖޭން ކޮވިޑް19 ފެނުމާއެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިއްޔެއިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފަ އެވެ.

ރާއްޖެއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ، މި ބައްޔަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން އިއުލާންކޮށްފައި ވުމާއި ރާއްޖެއާ ކައިރި ސަރަހައްދުތަކުގައި އަދި ދުނިޔޭގައި ވެސް އެ ވައިރަސް ފެތުރެމުންދާ ގޮތަށް ބެލުމަށް ފަހު، ރާއްޖޭގައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅޭނީ އެގޮތަށް ކަމަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް