އޭސީސީގެ ރަސްމީ ދަތުރުތައް ލިމިޓުކުރަން ނިންމައިފި

އޭސީސީގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކޮންމެހެން ކުރަން ޖެހޭ ރަސްމީ ދަތުރުތައް ނޫން އެހެން ދަތުރުތައް މެދުކަނޑާލުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

ކޮވިޑް-19 ވައިރަސް އާ ގުޅިގެން އެކަމަށް ރައްކާތެރިވުމަށް އޭސީސީއިން އަޅާނެ ފިޔަވަޅުތަކުގެ ހާއްސަ އުސޫލުތަކެއް ކަނޑައަޅައި އެ ކޮމިޝަނުން ވަނީ މިއަދު އާންމުކޮށްފައެވެ.

އެގޮތުން މިހާރު ރާއްޖޭގައި ސިއްހީ ކުއްލި ހާއްލަތެއް އިއުލާނުކޮށްފައިވާއިރު، އެލާޓް ލެވެލްތައް ބަދަލުވުމާއެކު އޭސީސީ އާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަންތައް ކުރާނެ ގޮތުގެ މައުލޫމާތު އުސޫލުގައި ހިމަނާފައިވެއެވެ.

ރައްކާތެރިކަމުގެ ތިން ލެވެލް އަކަށް އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު އެ އުސޫލުގައި ބުނެފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ލެވެލް އަކީ ރައްކާތެރިވުމުގެ ލެވެލް އެކެކެވެ. އެ ލެވެލްގެ ދަށުން ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ނޫން އެހެން ހުރިހާ ދަތުރުތަކެއް މެދުކަނޑާލާނެއެވެ. އަދި ކޮމިޝަނުން އަތޮޅުތަކުގައި ބާއްވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް މެދުކަނޑާލާނެ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

ރައްކާތެރިވުމުގެ ފުރަތަމަ ލެވެލްގައި ބޮޑަށް އަލި އަޅުވާލަނީ މިހާރު އޭސީސީއިން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބާރުއެޅުމަށެވެ. އަދި މުވައްޒަފުންގެ ރައްކާތެރިކަމަށް ފަރުވާތެރިވުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އުލޫގައި އަލިއަޅުވާފައިވެއެވެ.

އޭސީސީގެ ރައްކާތެރިކަމުގެ ދެވަނަ ލެވެލްގެ ދަށުން ސެޝަންތަކާއި ހިދުމަތްތައް އޮންލައިން ކޮށް ފޯރުކޮށްދެވޭނެ ނިޒާމުތަކެއް ގާއިމުކުރަން ޖެހޭ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި ދެވަނަ ލެވެލްގެ ދަށުން ކޮމިޝަނަށް ހާޒިރުވެ މައްސަލަ ހުށަހެޅުން ވަގުތީގޮތުން މެދުކަނޑާލެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ރައްކާތެރިކަމުގެ ތިންވަނަ ލެވެލް އަށް މައްސަލަ ބޮޑުވުން ހިމެނެނީ ކޮމިޝަން ލޮކްޑައުން އަށް ގެންދިޔުން ފަދަ ހާލަތްތައް ކަން އުސޫލުގައި ބުނެފައިވެއެވެ. އަދި ލޮކްޑައުންއަށް ގެންދަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އެފަދަ ހާލަތަކަށް ރިއާޔަތްކޮށް ހާއްސަ އުސޫލެއް އެކުލަވާލާނެ ކަމަށް އޭސީސީއިން ބުނެއެވެ.

comment ކޮމެންޓް