ހުކުރު ނަމާދު ކުރުކުރުމަށް އަންގައިފި

އިސްލާމީ މަރުކަޒުގައި މި އަހަރުގެ ޖެނުއަރީ މަހުގައި ކުރި ހުކުރު ނަމާދެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން، މާދަމާގެ ހުކުރު ނަމާދު ހުތުބާ ކުރުކޮށް، ނަމާދު ކުރުމަށް ހޭދަކުރާ ވަދުތު ކުރު ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއީލް އަފްރާހު މިއަދު ސަން އަށް ވިދާޅުވީ، މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއާ ގުޅިގެން އެއްތަނަކަށް އެއްވެ އުޅުމުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް، ނަމާދުކުރުމަށް ހޭދަކުރާ ވަގުތު ކުޑަކުރުމަށް އިމާމުންނަށް އަންގާފައިވާ ކަމަށެވެ.

އެގޮޮތުން މާދަމާގެ ހުކުރު ހުތުބާ ވާނީ ވައިރަސް އާ ގުޅިގެން ކުރު ހުތުބާއަކަށް ބަދަލުކޮށްފައިވާ ކަމަށް އަފްރާހު ވިދާޅުވި އެވެ. އަދި ނަމާދު ކުރާއިރު، ކުރު ސޫރަތް ކިޔެވުމަށް އިލްތިމާސްކުރައްވާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 ވައިރަސްގެ މައްސަލަ ރާއްޖޭގައި ސީރިއަސްވުމުގެ ސަބަބުން މިއަދު ސަރުކާރުން ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފަ އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ، ކޮވިޑް-19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާންކޮށްފައި ވުމާއި ރާއްޖެއާ ކައިރި ސަރަހައްދުތަކުގައި އަދި ދުނިޔޭގައި ވެސް އެ ވައިރަސް ފެތުރެމުންދާ ގޮތަށް ބެލުމަށް ފަހުގަ އެވެ.

އެ ވައިރަސް އަށް ޕޮޒިވިޓް ކޭސްތަކުގެ އަދަދު 127،748 އަށް އަރާ އިރު، ރާއްޖެ އިން އެ ވައިރަސް އަށް ޕޮޒިޓިވް އަށް ކޭހެއް ވަނީ މިހާތަނަށް ފެނިފަ އެވެ.

comment ކޮމެންޓް