ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ ރައީސް، ރައްޔިތުންނާ މުޚާތަބު ކުރައްވައިފި

ޓްރަމްޕް ގައުމާ މުޚާތަބު ކުރައްވަނީ

ވޮޝިންޓަން (12 މާޗް 2020) : ކޮވިޑް-19 ވައިރަސް އާދެކޮޅަށް އެމެރިކާގައި އަޅަމުން ގެންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައިފި އެވެ.

ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ޓްރަމްޕް ވިދާޅުވީ ކޮވިޑް-19 އަކީ ފަރުވާކުޑަކޮށްލައިގެންވާނެ ރޯގާއެއްނޫން ކަމަށާއި އެއީ ފަރުވާކުޑަކޮށްލެވިއްޖެ ނަމަ އެމެރިކާގެ އިގްތިސާދަށާއި ގައުމީ މަސްލަހަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ރޯގާއަކަށްވެދާނެ ކަމުގެ ބިރު ބޮޑުކަމުގަ އެވެ. ޓްރަމްޕްގެ ޚިތާބުގައި ކޮވިޑް-19 ވައިރަސް އާ ކުރިމަތިލުމަށް ޓަކައި އެމެރިކާ ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ވެސް އިޢުލާން ކުރެއްވި އެވެ.

ވައިޓް ހައުސްގައި ހުންނަވައިގެން ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބުގައި ޓްރަމްޕް ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކާއި އެރޯގާގެ ސަބަބުން ލިބޭނެ ކަމަށް ބެލެވޭ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް ޓަކައި އެމެރިކާގެ ޓެކްސްގެ ނިޒާމަށް ވަގުތީ ލުއިތަކެއް ލިބޭނެ ގާނޫނީ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމަށް ކޮންގްރެސްއަށް ވެސް ގޮވާލައްވާފަ އެވެ.

ކޮވިޑް-19ގެ ސަބަބުން އެމެރިކާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހީނަރުވެގެންދާނެ ކަމަށް އަންދާޒާކޮށް، އެ ފަރާތްތަކަށް ލިބޭނެ ކަމަށް ބެެލެވޭ ގެއްލުން ފޫބެއްދުމަށް ޓަކައި ލޯނުގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ދޫކުރުމަށް ފެޑްރަލް ސަރުކާރުން ނިންމިކަން ވެސް ޓްރަމްޕް އިއުލާނު ކުރެއްވި އެވެ. ޓްރަމްޕްގެ ޚިތާބަށް ފަހު އެމެރިކާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ކުޑަވެގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ.

އެމެރިކާގައި ވެސް ކޮވިޑް-19 ވައިރަސް ދަނީ ފެތުރެމުންނެވެ. މިހާރު އެމެރިކާ ގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 1350 އަށް އަރާފައިވާ އިރު އެ ރޯގާ ފެތުރުން ހުއްޓުވުމަށް ޓަކައި އެމެރިކާގެ މައި ސަރުކާރުން އަޅާ ފިޔަވަޅުތަކާއި އެކަމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ސިއްހީ ރައްކާތެރިކަމާ ބެހޭ ޕްލޭންގައި ހިމެނޭ ކަންތައްތައް ޓްރަމްޕް ވަނީ އެމެރިކާގެ ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ.

މިފިޔަވަޅުތަކުގެ ތެރޭގައި، ޔޫރަޕަކީ ކޮވިޑް-19 ވައިރަސް އެންމެ ބޮޑަށް އަށަގެންފައިވާ ބައްރު ކަމަށްވާތީ، އަންނަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ޔޫރަޕްގެ ގައުމުތަކުން އެމެރިކާއަށް ކުރާ ދަތުރުތުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުން ވެސް ހިމެނެ އެވެ. އެހެންނަމަވެސް، ކޮންމެހެން ކުރަން ޖެހޭ ޚާއްސަ ދަތުރުތައް މިއިން އިސްތިސްނާވެ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް އެމެރިކާ ހަނގުރާމަ ފަށާފައިވާއިރު އެރޯގާ ޓެސްޓުކުރުމަށް ބޭނުންކުރާ ކިޓް ލިބުމުގައާއި ސިއްޙީ ރައްކާތެރިކަމާބެހޭ ވަސީލަތްތައް ލިބުމުގެ ދަތިކަން އެމެރިކާގެ ބައެއް ސްޓޭޓްތަކަށް ވަނީ ކުރިމަތިވެފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް