ކޮރޯނާވައިރަސް: ޔޫރަޕުން އެމެރިކާއަށް ކުރާ ދަތުރުތައް ހުއްޓުވަން ނިންމައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގޫގުލް އާއި ފޭސްބުކާއި ޓުވިޓާއާ ބެހޭ ގޮތުން ޝަކުވާ ކުރައްވާފަ -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (މާޗް 12): އެމެރިކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ޔޫރަޕުން އެމެރިކާއަށް ކުރާ ގިނަ ދަތުރުތައް ހުއްޓުވަން އެގައުމުން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވި ގޮތުގައި އެގައުމުގެ ސަރުކާރުން ވަނީ ޔޫރަޕުން އެމެރިކާއަށް ކުރާ ހުރިހާ ދަތުރުތައް 30 ދުވަސްވަންދެން ހުއްޓާލަން ނިންމާފައެވެ. ނަމަވެސް މިކަމުން އިނގިރޭސިވިލާތް އިސްތިސްނާވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ޔޫރަޕްގައި ތިބި އެމެރިކާގެ ރައްޔިތުންނަށް ގައުމަށް އަނބުރާ ދެވޭނެކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމަށް [ވައިރަހުގެ] އާ ކޭސްތައް ވަނުން ހުއްޓުވުމަށްޓަކައި، ޔޫރަޕުން [އެމެރިކާއަށް] ކުރާ ހުރިހާ ދަތުރުތައް މަޑު ޖައްސާލަން ވަނީ ނިންމާފަ. މިއަށް އަމަލުކުރަން ފަށާނީ ހުކުރު ދުވަހުގެ ރެއިން ފެށިގެން،" ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާ ފަދައިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަނުން ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، އެ އިއްތިހާދަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ޓްރަމްޕްގެ ތަގުރީރަށް ފަހު ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުން، އާ ގަވާއިދުގެ ސަބަބުން އެމެރިކާއަށް ދަތުރުކުރުން ހުއްޓުވޭނީ، އެމެރިކާއަށް ދިޔުމުގެ ކުރިން 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އީޔޫގެ ޝެންގެން ސަރަހައްދުގައި ތިބި މީހުންނަށެވެ. އެހެންކަމުން އިނގިރޭސިވިލާތުގެ އިތުރުން އަޔަލޭންޑާއި ބަލްގޭރިއާއާއި ކްރޮއޭޝިއާއާއި ރޯމޭނިއާވެސް ދަތުރުކުރުން މަނާކުރާ ސަރަހައްދުތަކުގެ ތެރޭގައި ނުހިމެނޭނެއެވެ.

ޓްރަމްޕްގެ ތަގުރީރުގައި ޔޫރަޕުން އެމެރިކާއަށް ފޮނުވާ މުދާވެސް ހުއްޓުވާނެކަމަށް ވިދާޅުވި ނަމަވެސް ވައިޓްހައުސްއިން ފަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔޫރަޕުން ފޮނުވާ މުދަލަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

އެމެރިކާގައި މިހާތަނަށް 1،312 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 38 މީހަކު ވަނީ މަރުވެފަ އެވެ.

ޔޫރަޕްގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީ ވަނީ މިހާރު އެއްކޮށް ލޮކްޑައުންކޮށްފައެވެ. އެގައުމުން ވަނީ ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ފާމަސީތައް ފިޔަވާ ހުރިހާ ވިޔަފާރިތައް ބަންދުކޮށްފައެވެ. އެގައުމުގެ މިހާތަނަށް 12،400އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 827 މީހަކު ވަނީ މަރުވެފައެވެ.

އިޓަލީގެ އިތުރުން ޔޫރަޕްގައި އެންމެ ބޮޑަށް ކޮރޯނާވައިރަސް ފެތުރިފައިވާ ގައުމުތަކަކީ ފްރާންސް (2،284 މީހުން)، ސްޕެއިން (2،277 މީހުން) އަދި ޖަރުމަން (1،966 މީހުން)އެވެ.

މުޅި ދުނިޔޭގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 126،000 އަށްވުރެ އިތުރުވެ، އޭގެ ސަބަބުން 4,630 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް