ލިވަޕޫލް ހަމަބިމަށް ތިރިކޮށް އެތުލެޓިކޯ ކުއާޓާއަށް

ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން ސެލަބްރޭޓް ކުރަނީ --- ފޮޓޯ: ޑެނިއަލް ލެވިސް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ޑިފެންޑިންގް ޗެމްޕިއަން ލިވަޕޫލް ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ކުއާރޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން އެ ހޯމް ޓީމުގެ މައްޗަށް އެތުލެޓިކޯ ކުރި ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ލިބުނު މޮޅާ އެކު އެތުލެޓިކޯ ކުއާރޓާއަށް ދަތުރު ކުރީ 2-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ޗެމްޕިއަންސް ލީގުގެ މި ބައްޔަކީ ލިވަޕޫލުން 2014 ވަނަ އަހަރުގެ ފަހުން ޔޫރޮޕިއަން މުބާރާތެއްގައި އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.

މެޗު ފެށިގެން ނިމެންދެން ވެސް ގިނަ ހަމަލާތައް އުފައްދާ މޮޅަށް ކުޅުނު ލިވަޕޫލަށް މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ ފުރަތަމަ ކީޕަރު އެލިސަން ބެކާ ނުކުޅުމެވެ. ބަދަލު ކީޕަރެއްގެ ގޮތުގައި ކުޅުނު އެޑްރިއަންގެ ފަރާތުން މިސްޓޭކްތަކެއް ފެނިގެން ދިޔަ އިރު އެތުލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ އެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

މެޗު ފަށައިގެން ވެސް ލިވަޕޫލުން ދިޔައީ އެތުލެޓިކޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެކަމަކު އެތުލެޓިކޯގެ ޑިފެންސްގެ ހުށިޔާރުކަމުން އިދިކޮޅު ޓީމަށް ގޯލެއް ޖަހަން އުނދަގޫވި އެވެ. ނަމަވެސް އެތުލެޓިކޯގެ ގިނަ ސޭވްތަކަކަށްފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. އެ ގޯލަކީ ޖޯޖީނިއޯ ވައިނަލްޑަމް ބޮލުން ޖަހައި ވައްދާލި ގޯލެކެވެ.

ދެވަނަ ހާފު ފެށިފެން އެކީ އެކަށް ޑޮމިނޭޓް ކޮށްގެން ކުޅުނީ ލިވަޕޫލުންނެވެ. ނަމަވެސް ލިވަޕޫލަށް އެޓޭކް ކުރަން ފުރުސަތު ދީގެން އެތުލެޓިކޯއިން ޑިފެންސް ކުރީ އިތުބާރާ އެކު އެވެ. އެހެން ގޮސް ދެވަނަ ހާފު ނިމުނު އިރު ވެސް 0-1 ގެ ނަތީޖާގައި އޮތުމުން ދެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް އުންމީދު އައު ކޮށްދިނީ ރޮބާޓޯ ފިރްމީނިއޯ ޖެހި ގޯލުންނެވެ.

ފިރްމީނިއޯގެ ގޯލާ އެކު އެތުލެޓިކޯއަށް ކުރިއަށް ޖެހެން މަޖުބޫރުވި އިރު ލިވަޕޫލްގެ ކީޕަރު އެޑްރިއަންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލިވަޕޫލްގެ އުންމީދުތައް ފުނޑު ފުނޑު ކޮށްލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން މާކޯސް ލޮރެންޓޭ އެވެ.

އެއާ އެކު އަވޭ ގޯލުގެ ތަފާތުން އެތުލެޓިކޯއަށް ކުރި ލިބުނު އިރު ލިވަޕޫލުން އަނެއްކާވެސް ޓީމު ކުރިއަށް ޖައްސައި ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ. އެކަމަކު ލިބުނު ކައުންޓާ އެޓޭކެއްގައި ލޮރެންޓޭ ވަނީ އިތުރު ގޯލެއް ޖަހައި އެތުލެޓިކޯއަށް މެޗު ޔަގީންކޮށްދީފަ އެވެ. މެޗު ނިމުމުގެ ކުރިން ތިންވަނަ ގޯލު އެތުލެޓިކޯއަށް ޖަހައިދިނީ އަލްވާރޯ މޮރާޓާ އެވެ.

މިއީ އެންމެ ފަހުން ލިވަޕޫލުން ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމު ބަލިވި ހަތަރުވަނަ މެޗެވެ.

އެތުލެޓިކޯގެ އިތުރުން ކުއާރޓާގެ ޖާގަތައް މިހާރު ކަށަވަރުކޮށްފައި ވަނީ އެޓްލަންޓާއާއި އާރްބީ ލިޕްޒިގްގެ އިތުރުން ރޭ ޑޮޓްމަންޑް އަތުން މޮޅުވި ޕީއެސްޖީ އެވެ.

comment ކޮމެންޓް