ހަގީގަތް އޮޅޭ ގޮތަށް ހަބަރު ފަތުރާނަމަ، ތަފާތު މައްސަލަތައް ނުކުންނާނެ: ރައީސް

ރައީސް ސޯލިހް ނޫސްވެރިންނާއެކު: ދޮގު ހަބަރު ފަތުރާނަމަ، ތަފާތު މައްސަލަތައް ކުރިމަތިވާނެ ކަމަށް ވިދާޅުވި --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ މީޑިއާތަކުން ހަގީގަތް އޮޅޭގޮތަށް ހަބަރުތައް ފަތުރާނަމަ، އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ނުކުންނާނެކަމަށް ރައިސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ، މީޑިއާތަކުން ވީހާވެސް ތެދު މައުލޫމާތު ފެތުރުމަށް ބާރުއަޅުއްވައި އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ރާއްޖޭގެ މީޑިއާ ކައުންސިލުގެ އިސްބޭފުޅުންގެ އަރިހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައެވެ.

ކޮންމެ ނޫސްވެރިޔަކުވެސް އެ ނޫސްވެރިއެއްގެ ފުރިހަމަ ޒިންމާ އަދާކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލަމުން ރައީސް ވދާޅުވީ ކޮވިޑް-19 ބާރަށް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހަގީގީ މައުލޫމާތު ފޯރުކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ ތެރޭގައި ހާސްކަން އުފެދޭފަދަ ގޮތްގޮތަށް ތެދުނޫން މަޢުލޫމާތު ފެތުރުމަކީ، ޒިންމާދާރު ގޮތެއްގައި ވާޖިބު އަދާކުރުން ނޫންކަމަށެވެ. އަދި މީޑިއާތަކުން ފަތުރަމުން ގެންދަނީ ތެދު މައުލޫމާތުތޯ ބެއްލެވުމަށް މީޑީއާ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ފާހަގަކުރައްވައި އަކަމަށް ރައީސް ޝުކުރުއަދާކުރެއްވިއެވެ.

ރައީސް ސީލިހް އައްބާސް އަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަރުވަނީ --- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވެވި ރަސްމިއްޔާތުގައި އައްބާސް އިބްރާހީމަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އޭރު އެރުވިފައިނުވަނީ، އެމަނިކުފާނު އެދުވަސްވަރު ރާއްޖޭގައި ވަޑައިގެން ނެތުމުންނެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ޢައްބާސް އިބްރާހީމް ކުރެއްވި ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޢައްބާސް އިބްރާހީމަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ 75 އަހަރުވީ ތާރީހުގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ނޫސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި އެފަދަ ބޭފުޅުންގެ ތަޖުރިބާ މިއަދުވެސް ބޭނުންވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ވެސް ބައިވެރިވެވަޑައިގެންނެވެއެވެ. ރަސްމިއްޔާތުގައި ހިދާހަތުﷲ ވަނީ، މީޑިއާ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. އަދި އެ ކައުންސިލަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް