ލަންކާގެ ވިސާ ދިވެހިންނަށް ލިބޭނެ: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

އަވައްޓެރި ސްރީލަންކާ އިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނި ގައުމުތަކަށް ދޫކުރަމުން ދިޔަ އޮންއެރައިވަލް ވިސާ މެދުކަނޑާލި ނަމަވެސް ދިވެހީންނަށް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައްޔިތަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އިއްޔެ އެވެ. އެއާއެކު ލަންކާއިން ވަނީ އެ ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އެ ގައުމުން އޮން އެރައިވަލް ވިސާ ދޫކުރާ ސްކީމް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

ނަމަވެސް ފޮރިން މިނިސްޓަރު ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެ އާއި ލަންކާއާ ދެމެދު އެއްބަސްވެފައިވާ ގޮތަށް ދިވެހީންނަށް ލަންކާގެ އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.

ކޮރޯނާވައިރަސް އަކީ ޕޭންޑެމިކްއެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

ޕޭންޑެމިކްއަކީ މުޅި ދުނިޔެއަށް އެ ބަލި ފެތުރި ނުރައްކާވާ ހާލަތަކަށް ދިއުމެވެ. މީގެ ކުރިން ކޮވިޑް-19 ބަލަމުން ދިޔައީ އެޕިޑެމިކްއެއްގެ ގޮތުގަ އެވެ. އެޕިޑެމިކްއަކީ ވަކި ސަރަހައްދުތަކެއްގައި ވަރަށް ބޮޑަށް ފެތުރެމުންދިއުމުން ކިޔާ ހާލަތެކެވެ.

ކޮވިޑް މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 100،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 4300 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް