މާޒިޔާއާއި ޗެންނާއީގެ ފުރަތަމަ ކުރިމަތިލުން އެއްވަރަކުން ނިމިއްޖެ

ޗެންނާއި އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން - އޭއެފްސީ

އޭއެފްސީ ކަޕްގެ ގްރޫޕް "އީ" ގައި އިންޑިއަން އައި ލީގުގެ ޗެމްޕިއަން ޗެންނާއީ އެފްސީ އާއި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު މާޒިޔާ ގްރޫޕް ތާވަލުގެ ދެވަނައަށް ޖެހިލިއިރު އެއްވަނައިގައި އޮތީ މިއަދު ހަވީރު ރާއްޖޭގެ ޓީސީ އަތުން ބޮޑު މޮޅެއް ހޯދި ބަންގްލަދޭޝްގެ ބަޝަންދުރަ ކިންގްސް އެވެ.

ކޮލިފައިން ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑި ބެންގަލޫރު އެފްސީ ކަޓުވާލުމަށް ފަހު ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި މާޒިޔާ މިރޭގެ މެޗަށް ނުކުތީ ބަދަލުތަކަކާ އެކު އެވެ. އެގޮތުން ދެ ރީނދޫ ކާޑު ހަމަވުމުގެ ސަަބަބުން އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަފްގާނިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ އާއި ސާބިއާގެ ޑިފެންޑަރު ޕީޓަ ޕެލަނިޗް މިރޭގެ މެޗުގައި ކުޅެފައެއް ނުވެ އެވެ.

މެޗު ފަށައިގެން ޗެންނާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 11 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެނިޝް ފޯވާޑް އަޑޮލްފޯ މިރާންޑާއެވެ.

ޗެންނާއީގެ ގޯލަށްފަހު މާޒިޔާ ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރި އެވެ. އެގޮތުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި މޫސާ ޔާމީން (ޔާމްބެ) ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އިރު ޗެންނާއީގެ ކީޕަރު ވަނީ އެ ބޯޅަތައް ދިފާއުކޮށްފަ އެވެ.

އެއް ލީޑުގެ ތަފާތަކުން ދަށުގައި އޮވެ ފުރަތަމަ ހާފު މާޒިޔާއިން ނިންމާލި ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުން ވަނީ ކައިރި ކައިރީގައި ދެ ގޯލެއް ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި ހަމްޕުގެ އެހީއާއެކު މާޒިޔާއަށް ނަތީޖާ އެއްވަރުކޮށްދިނީ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެވެ. އަދި އޭގެ ތިން މިނެޓުފަހުން ނިހާން ދިން ޕާހަކުން މާޒިޔާއަށް ލީޑު ނަގައިދިނީ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

ރަށުން ބޭރުގައި މޮޅެއް ހޯދުމުގެ އަޒުމުގައި ކުޅެމުން ދިޔަ މާޒިޔާއިން އިތުރު ގޯލެއް ވަނަ ނުދީ ހިތްވަރާ އެކު ކުރަމުން ދިޔަ މަސައްކަތް ބޭކާރުވީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނަޓުގައި ޗެންނާއީގެ ފީޓޯ ޖެހި ގޯލުންނެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ މަހު 14 އާއި 15 ވަނަ ދުވަހު އެވެ. ދެ މެޗު ވެސް އޮންނާނީ ގަލޮޅު ދަނޑުގަ އެވެ. ފުރަތަމަ މެޗުގައި 14 ވަނަ ދުވަހު މާޒިޔާ ކުޅޭނީ ބަޝުންދުރާއާ އެވެ. އަދި 15 ވަނަ ދުވަހު ޓީސީ ބައްދަލުކުރާނީ ޗެންނާއީއާ އެވެ. މިއީ އޭއެފްސީ ކަޕްގެ އެއް ގްރޫޕެއްގައި ރާއްޖޭގެ ދެ ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް