އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރާ އެމްޑީޕީ 38 މެމްބަރުން ޕާޓީން ވަކިކޮށްފި

އެމްޑީޕީން ބޭއްވި "ރަށްވެހި ފަތިސް" އިފްތިތާހުކުރުމުގެ ޖަލްސާ: އަމިއްލަ ގޮތުން ވާދަ ކުރާ 38 މެމްބަރުން ވަނީ ޕާޓީން ވަކިކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރާ އެމްޑީޕީގެ 38 މެމްބަރުން ޕާޓިން ވަކިކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ޕާޓީގެ ފަރާތުން ވާދަކުރުމަށް ޓިކެޓުދީފައިވާ ކެންޑިޑޭޓުން ތިއްބާ، ޕާޓީގެ މެމްބަރުންގެ ގޮތުގައި ހުރެގެން އިންތިހާތަކުގައި އަމިއްލަގޮތުން ވާދަކުރުމަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފުކަމެއް ކަމަށެވެ. އަދި އެ ނިންމުން ނިންމީ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީއަށް ލިބިދީފައިވާ ބާރުގެ ދަށުން، އެ ކެންޑިޑޭޓުން ޕާޓީން ވަކިކުރުމަށް އެކޮމެޓީން ނިންމާފައިވާތީ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެގޮތުން އެ ޕާޓީން ވަނީ، އެ 38 މީހުންގެ ނަންތައް ހާމަކޮށްފަ އެވެ.

"ލިސްޓުގައިވާ ފަރާތްތައްވަނީ މިޕާޓީގެ މެމްބަރުކަމުން ވަކިކޮށް ފިޔަވަޅު އެޅުމަށް އެކޮމެޓީގެ އައުލަބިއްޔަތުން ނިންމާފައިވާތީ ލިސްޓުގައި ހިމެނޭ ފަރާތްތައް މިޕާޓީން ވަކިކޮށް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ މިޕާޓީގެ ދަފްތަރުން އުނިކުރުމަށްވަނީ ފޮނުވާފައި،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 384 ޖާގަ ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ. އެމްޑީޕީން ވާދަކުރަނީ 876 ގޮނޑިއަށް ކަމަށެވެ. އެންމެ ކެންޑިޑޭޓެއް ކުރިމަތިލާފައި އޮތުމުން އިންތިހާބަކާ ނުލާ އެމްޑީޕީއަށް 13 ގޮނޑި މިހާރުވެސް ވަނީ ކަށަވަރުވެފަ އެވެ.

comment ކޮމެންޓް