ޓީސީ އަތުން ބަޝަންދުރަ ކިންގްސްއަށް ބޮޑު މޮޅެއް

ބަޝަންދުރަ ކިންގްސްގެ ކެޕްޓަން ކޮލިންޑްރެސް ---

އޭއެފްސީ ކަޕުގެ ގްރޫޕްސްޓޭޖުގެ ގްރޫޕް "އީ" ގެ ފުރަތަމަ މެޗުގައި މިއަދު ރާއްޖޭގެ ޓީސީ ސްޕޯޓްސް އަތުން ބަންގްލަދޭޝްގެ ބަޝަންދުރަ ކިންގްސް ބޮޑު މޮޅެއް ހޯދައިފި އެވެ.

ބަންގްލަދޭޝްގެ ބަންގު ބަންދު ސްޓޭޑިއަމުގައި މިއަދު ކުޅުނު އެ މެޗުން ހޯމް ޓީމް ޓީސީ އަތުން މޮޅުވީ 1-5 ގެ ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު ބަޝަންދުރަ ވަގުތީ ގޮތުން ގްރޫޕް ތާވަލުގެ އެއްވަނައަށް ވަނީ އަރައިފަ އެވެ. މި ގުރޫޕުގެ ދެވަނަ މެޗުގައި މިއަދު ބައްދަލު ކުރާނީ މާޒިޔާއާއި ޗެންނާއީ އެފްސީ އެވެ.

ރާއްޖޭގެ އެފްއޭ ކަޕުގައި އޭދަފުށްޓާ ދެކޮޅަށް ކުޅުނު ފުރަތަމަ އެގާރަ ހިމަނައިގެން މިއަދުގެ މެޗަށް ޓީސީއިން ނުކުން އިރު އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ޓީސީއިން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 17 ވަނަ މިނަޓުގައި ބަޝަންދުރަ ކިންގްސްއަށް ލީޑު ނަގައިދިނީ ބާކޯސް އެވެ.

އެ ގޯލަށްފަހު ޓީސީން ކުޅުން ރަނގަޅުކޮށް އޭގެ ތިން މިނަޓުފަހުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޓީސީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އަށް ބަޝަންދުރަ ޓީމުގެ ޑިފެންޑަރު ހާން ފައުލު ކުރުމުން ލިބުނު ޕެނަލްޓީއެއްގެ ފައިދާ ނަގައި ރިބައުންސަށް ނުކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ޓީސީގެ ފޯވާޑް އިސްމާއީލް އީސާ (މެސީ) އެވެ.

ޓީސީއިން ނަތީޖާ އެއްވަރުކޮށް ރަނގަޅު ހިތްވަރަކާ އެކު ކުޅެން ފެށި ނަމަވެސް ބަޝަންދުރައިން ވަނީ މާލަސްތަކެއް ނުވަނީސް އަލުން ލީޑު ނަގައިފަ އެވެ. މެޗުގެ 25 ވަނަ މިނަޓުގައި އެ ގޯލު އެ ޓީމަށް ޖަހައިދިނީ ބާކޯސް އެވެ.

ފުރަތަމަ ހާފު އެގޮތުގައި އޮވެ ނިމުނު އިރު ދެވަނަ ހާފު ފެށިގެން ކުރީކޮޅު ޓީސީއަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެކަމަކު ދެފަހަރަކު މަތިން ޖެހި ދެ ޕެނަލްޓީ ވެސް ވަނީ ބަޝަންދުރަ ޓީމުގެ ކީޕަރު އަނިސުރް ރަހްމާން ދިފާއުކޮށްފަ އެވެ.

އެއާ އެކު ބަޝަންދުރަ ޓީމުން ގިނަ ހުރަސްތަކެއްކޮށް އަނެއްކާވެސް އިތުރު ގޯލުތަކެއް ޖަހައި ޓީސީއަށް މެޗު އުނދަގޫ ކޮށްލި އެވެ. ފަހު ހާފުގައި ބަޝަންދުރަ ޓީމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައި ބާކޯސް އޭނަގެ ހެޓްރިކް ފުރިހަމަ ކުރި އިރު ބާކީ ގޯލު ޖަހައިިދިނީ އެ ޓީމުގެ ކެޕްޓަން ކޮލިންޑްރެސް އެވެ.

ޓީސީއިން ދެން އަންނަ މެޗެއްގައި ވާދަކުރާނީ އިންޑިއާގެ ޗެންނާއީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އޭޕްރީލް 15 ވަނަ ދުވަހު މާލޭގަ އެވެ.

comment ކޮމެންޓް