ޓީސީ ފުޓްބޯޅަ ޓީމު ލަންކާގައި 14 ދުވަހަށް މަޑުކުރަނީ

ބަންގްލަދޭޝްގެ ޑާކާގައި މިވަގުތު ތިބި ޓީސީ ފުޓުބޯޅަ ޓީމު --- ފޮޓޯ/ ޓީސީ

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މިއަދު ބަޝަންދުރަ ކިންގްސްއާ ވާދަކުރުމަށް ބަންގްލަދޭޝްގައި ތިބި ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން މެޗު ނިންމުމަށްފަހު ލަންކާގައި 14 ދުވަހަށް މަޑުކުުރމަށް ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19، ކޮރޯނާވައިރަސްއާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެ އަންނަ މީހުންނާއި ފާއިތުވި 14 ދުވަސް ތެރޭ އެގައުމަށް ގޮސްފައިވާ މީހުން ރާއްޖެ އެތެރެވުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އެގޮތުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްއިން މީހުން ރާއްޖެއައުން މަނާކޮށްފައި އޮތް ނަމަވެސް ދިިވެހިންނާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުން އިސްތިސްނާވާނެ ކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ނެރުނު އެއާ ޓްރާންސްޕޯޓް ސާކިޔުލާއެއްގައި ބުނެފައިވެ އެވެ.

މި ސާކިއުލާ އަކީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ނެރުނު ސާކިއުލާއަކަށްވާ އިރު އެދުވަހުގެ މެންދުރުފަހު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު ވަނީ ބަންގްލަދޭޝްއަށް އެތެރެވެފަ އެވެ. އެ ޓީމުގައި ތިބި ދިވެހީންގެ އިތުރުން ހަތަރު ބިދޭސީ ކުޅުންތެރިއަކު ތިބުމުން އެ ކުޅުންތެރިން ރާއްޖެ އައުމާ ގުޅޭގޮތުން ގިނަބައެއްގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ.

ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު މިއަދު ވިދާޅުވީ ޓީސީ ސްޕޯޓްސް ކުލަބު ވެސް ބަންގްލަދޭޝްގެ ޑާކާގައި މިވަގުތު ތިބުމުން އެކަން ސަރުކާރުގެ ސަމާލުކަމަށް އަައިސްފައިވާ ކަމަށެވެ.

"ބަންގްލަދޭޝްގެ ވާހަކަ ދައްކާއިރު ޓީސީ ފުޓުބޯޅަ ޓީމު ވެސް މިވަގުތު ބަންގްލަދޭޝްގެ ޑާކާގައި އެބައުޅޭ، ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް އެބޭފުޅުންނާ ކޮންޓެކްޓް ކުރައްވާފައިވާކަން އަޅުގަނޑަށް އެބަ އިނގޭ. ސްރީ ލަންކާގައި އެ ކުޅުންތެރިން 14 ދުވަހުގެ ޕީރިއަޑެއް ހަމަކޮށްފައި ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައި އޮތީ." މަބްރޫކް ވިދާޅުވި އެވެ.

ޓީސީގެ އިތުރުން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކުލަބު ވެސް މިވަގުތު ތިބީ އިންޑިއާގެ ޗެންނާއީގަ އެވެ. އެކަމަކު އެސަރަހައްދުން މީހުން އައުން އަދި ސަރުކާރުން މަނާކޮށްފައި ނުވާތީ އެ ޓީމުގެ ކުޅުންތެރިން ކަރަންޓީން ކުރުމާ މެދު ގޮތެއް ނުނިންމަ އެވެ.

މިއަދު ކުރަމަތި އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ބިދޭސީ ދެ މީހުން ޕޮސިޓިވް ވުމުން ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ.

comment ކޮމެންޓް