ކޮވިޑް-19 އަށް ޝައްކުވުމުން އެމްބާއްޕޭ ޓެސްޓް ކޮށްފި

ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާްއްޕޭ ---

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޮނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ފްރާންސްގެ ޕީއެސްޖީ ތަރި ކިލިއަން އެމްބާއްޕޭ ޓެސްޓް ކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މިރޭ ޖަރުމަނުގެ ބުރޮޝިއާ ޑޮޓްމަންޑާއި ދެކޮޅަށް ޕީއެސްޖީ ނުކުންނަ އިރު އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އެމްބާއްޕޭ ހުރީ ހުން ޖެހި ބަލިވެފަ އެވެ. އެހެން ކަމުން މިހާރު ފްރާންސްގައި ވެސް ބާރަށް ފެތުރޭ ކޮރޯނާއަށް ޝައްކުވެގެން އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ ބައްޔަށް ޓެސްޓް ކޮށްފަ އެވެ.

އަދި ރޭގެ ވަގުތެއްގައި އެމްބާއްޕޭގެ ނަތީޖާ އައި އިރު ކޮރޮނާއަށް ވަނީ ނެގަޓިވް ވެފަ އެވެ. އެހެން ނަމަވެސް މިރޭގެ މެޗުން އެމްބާއްޕޭ ނުފެނުމަކީ ޓީމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި ކިރިޔާ ވެސް ކުޅެވޭ ހާލަތެއްގައި ހުރި ނަމަ އޭނަގެ ބޭނުން ކުރާނެ ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ބުނެފަ އެވެ.

"އެމްބާއްޕޭ މިވަގުތު އުޅެނީ ބަލިކޮށް. ވަރަށް ބޮޑަށް ރޯގާ ޖެހިގެން މިދިޔަ ދެ ދުވަހު ވެސް ޕްރެކްޓިހުގައި ބައިވެރި ނުވޭ. އެކަމަކު މެޗުގައި ކިރިޔާ ވެސް ކުޅެވޭ ނަމަ ފުރުސަތު ދެވޭތޯ މި ބަލަނީ،" ޓުޗެލް ބުންޏެވެ.

ދެވަނަ ލެގަށް ޕީއެސްޖީ މިރޭ ނުކުންނަ އިރު އެ ޓީމު ވަނީ ފުރަތަމަ ލެގުގައި ޑޮޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަލިވެފަ އެވެ.

"ކޮރޮނާ ވައިރަސްގެ ސަބަބުން އެންމެން ވެސް ތިބީ ބިރުވެރިކަމެއްގައި. އަދި އެމްބާއްޕޭ ވެސް މިވަގުތު ބަލިވެފައި ހުރުމުން ޓީމަށް ބޮޑެތި ގެއްލުންތަކެއް ވާނެ. އެކަމަކު އަހަރުމެން އެކަމަށް އެބަޖެހޭ ތައްޔާރުވެ ހޭނެން،"

ޓުޗެލް އިތުރަށް ބުނީ އެމްބާއްޕޭއަށް މިރޭ ނުކުޅެވުނު ނަމަވެސް އަނިޔާއިން ރަނގަޅުވެގެން އައިސް އެ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާއަށް މިރޭ ކުޅެވޭނެ ކަމަށެވެ.

ކޮރޮނާ ވައިރަސްގެ ސަބަބުން މިރޭ ޕީއެސްޖީއާއި ޑޮޓްމަންޑް ވާދަކުރާ މެޗު ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމުގައި ކުޅޭ އިރު މެޗަށް އެއްވެސް ސަޕޯޓަރަކު ނުވައްދާ ގޮތަށް ވަނީ ޔޫއެފާއިން ނިންމާފަ އެވެ.

comment ކޮމެންޓް