ކޮވިޑް 19: ސަރުކާރުގެ އެންގުންތަކަށް ގެސްޓުހައުސްތަކުން ބޯލަނބަން އެދެފި

ހުޅުމާލޭގެ ގެސްޓްހައުސެއް -- ސަން ފައިލް ފޮޓޯ

މިވަގުތު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ގެސްޓްހައުސް ހިންގާ ފަރާތްތަކުން ސަމާލުކަން ދިނުމަށާއި ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުކުން ދިނުމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން އިލްތިމާސް ކޮށްފި އެވެ.

އެ ޖަމްއިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ހައްސާސީ ދަނޑިވަޅުގައި ސަރުކާރުން، ވައިރަސް އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރާ ކަމަށާއި މިނާޒުކު ދަނޑިވަޅުގައި ގެސްޓަހުސްތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަމަކަށް ސަރުކާރުގެ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އެގޮތުން ގެސްޓްހައުސްތަކުން ޓޫރިޒަމް މިނިސްޓްރީއަށް ދުވަހުން ދުވަހަށް ފޮނުވަން ޖެހޭ މައުލޫމާތުތައް ލިބޭކަން ކަށަވަރު ކުރުމާއި މައުލޫމާތު ފޮނުވަން ޖެހޭ އީމެއިލްތަކަށް ލިބޭ މެއިލްތަކަށް ދުވަހުން ދުވަހަށް އިޖާބަ ދިނުމާއި، މުހިންމު ދަނޑިވަޅުތަކުގައި ގުޅަން ކަނޑައަޅާފައިވާ ނަމްބަރުތަކާއި ހޮޓްލައިންތަކަށް ވަގުތުން ވަގުތަށް އިޖާބަދިނުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

މީގެ އިތުރުން، ކޮވިޑު އިތުރަށް ފެތުރުނަ ނުދިނުމަށް ޓަކައި ރާއްޖޭގެ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދިނުމަށް ގޭމް އިން ވަނީ އެދިފަ އެވެ. ސަރުކާރުގެ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށް، ސަރުކާރުން އަންގާ އެންގުންތަކަށް ފުރިހަމައަށް އިޖާބަ ދިނުމަށް ގޭމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގެސްޓްހައުސްގައި ތިބި ފަތުރުވެރިންގެ މައުލޫމާތާއި، ބުކިންގް ކެންސަލް ވަމުންދާ މިންވަރާ ގުޅޭ ތަފްސީލުތައް ޓޫރިޒަމާ ހިއްސާކޮށް ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ އެޗްޕީއޭ އިން ނެރެފައިވާ އެސްއޯޕީ ގައި ހިމެނޭ ހުރިހާ ފިޔަވަޅުތަކެއް ތަންފީޒުކޮށް އެކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓޭކަން ކަށަވަރު ކުރުމަށް ގޭމް އިން ވަނީ ގެސްޓްހައުސްތަކަށް ގޮވާލައިފަ އެވެ.

comment ކޮމެންޓް