މިދިޔަ މަހު އިމްޕޯޓު އިތުރުވި އިރު އެކްސްޕޯޓު ދަށަށް

މާލެ ވިޔަފާރި ބަނދަރު -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހުގެ އިމްޕޯޓް ކުރި މުދަލުގެ އަގު 11 ޕަސެންޓު އިތުރުވި އިރު އެކްސްޕޯޓު ކުރި މުދަލުގެ އަގު 26 ޕަސެންޓު ދަށްވެއްޖެ އެވެ.

ކަސްޓަމްސްއިން މިއަދު އާންމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖަށް އެތެރެ ކުރި މުދަލުގެ ސީއެސްއެފް އަގު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު 11 ޕަސެންޓު އިތުރުވެފައެވެ. މިދިޔަ އަަހަރުގެ ފެބްރުއަރީ މަހު އެތެރެ ކުރި މުދަލުގެ ސީއައިއެފް އަގަކީ 3.4 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު ވަނީ 3.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އިމްްޕޯޓު ކުރީ ޗައިނާއިންނެވެ. މިދިޔަ ފެބްރުއަރީ މަހު އިމްޕޯޓު ކުރި މުދަލުގެ 14 ޕަސެންޓަކީ ޗައިނާއިން އިމްޕޯޓު ކުރި މުދަލެވެ. ދެން އެންމެ ގިނައިން އިމްޕޯޓު ކުރީ އޯމާނުންނާއި، އިންޑާއިންނެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް އެތެރެކުރީ މެޝިނަރީގެ އިލެކްޓްރޯނިކް ސާމާނެވެ. އިމްޕޯޓު ކުރި ގާތްގަނޑަކަށް 661 މިލިއަން ރުފިޔާގެ މުދަލަކީ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނެވެ. އޭގެ އިތުރުން، ގާތްގަނޑަކަށް 640 މިލިއަން ރުފިޔާ ތެޔޮ އިމްޕޯޓު ކުރި އިރު 613 މިލިއަން ރުފިޔާގެ ކާބޯތަކެތި އިމްޕޯޓުކޮށްފައިވެއެވެ.

އެހެންނަމަވެސް، މިދިޔަ އަހަރު އެކްސްޕޯޓު ކުރި މުދަލުގެ އަގާ އަޅާބަލާއިރު މި އަހަރު އެކްސްޕޯޓު ކުރި މުދަލުގެ އަގު ވަނީ 26 ޕަސެންޓު ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 535 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި އިރު މި އަހަރުގެ ފެބްރުއަރީ މަހު އެކްސްޕޯޓު ކުރީ 394 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓު ކުރީ ތައިލެންޑަށެވެ. އެއީ ފެބްރުއަރީ މަހު ކުރި އެކްސްޕޯޓުގެ 40 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓު ކުރީ ފްރަންސޭސިވިލާތަށް ކަމަށްވާ އިރު ތިން ވަނައަށް އެންމެ ގިނައިން އެކްސްޕޯޓު ކުރީ ޖަރުމަނަށެވެ. ރާއްޖޭގެ އެކްސްޕޯޓުގެ ބޮޑު ބަޔަކީ މަހާއި މަހުގެ އުފެއްދުންތަކެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާންމުދަނީ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ފެބްރުއަރީ މަހު އާންމުދަނީގެ ގޮތުގައި 252 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރުގެ ފެބްރުއަރީ މަހު ލިބިފައި ވަނީ 299 މިލިއަން ރުފިޔާއެވެ. މިއީ 19 ޕަސެންޓުގެ އިތުރުވުމެކެވެ.

comment ކޮމެންޓް