ބަތަލާއިން ޕޮޒިޓިވްވި ދެ މީހުންނާ ކޮންޓެކްޓުވި ދެ މީހަކު އައިސޮލޭޝަނަށް

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އއ. އަތޮޅު ސޭންޑީޒް ބަތަލާ ރިސޯޓުން ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވި ދެ މީހުންނާ ކޮންޓެކްޓުވި ދެ މީހަކު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔުމުގެ މަަސައްކަތް ފަށައިފިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ވައިރަހަށް 71 މީހަކު ޓެސްޓްކޮށްފައިވާއިރު ޕޮޒިޓިވްވެފައި ވަނީ ހަ މީހުންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ހަަތަރު މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހެކެވެ.

އެޗްޕީއޭއިން މިއަދު ހަވީރު ބުނީ، ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ދެ މީހުންނާ ކޮންޓެކްޓުވި ދެ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނާތީ އެ ދެ މީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބަތަލާ ރިސޯޓުން އަރައި ފޭބުން މިވަގުތަށް ވަނީ ހުއްޓާލާފައެވެ. އެ ރިސޯޓުގެ އިތުރުން ޅ. ކުރެއްދޫ ރިސޯޓާއި އދ. ވިލަމެންދޫ އައިލެންޑް ރިސޯޓާއި، އއ. ކުރަތަމި އައިލެންޑު ރިސޯޓުވެސް ވަނީ އަރައި ފޭބުން ހުއްޓާލާފައެވެ.

ވިލަމެންދޫ އާއި ކުރަމަތިން މިއިން ކޮންމެ ރިސޯޓަކުން އެކަކު ބައްޔަށް ޝައްކު ކުރެވިގެން ވަނީ އައިސޮލޭޓު ކުރެވިފައެވެ.

އޭގެ އިތުރުން، ކުރެއްދޫއިން ފަސް މީހުން ކަރަންޓީން ކުރުމަށް ވިލިވަރު ކަރަންޓީނު ފެސިލީޓީއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމާށާއި އޭގެ ތެރޭގައި ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ތިން މީހުން ހިމެނޭ ކަމަށްވެސް އެޗްޕީއޭއިން މިއަދު ވަނީ ބުނެފައެވެ.

މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީވެސް ބިދޭސީންނެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް