ބިދޭސީން ގަވައިދަށް ފައްތާ ޕްރޮގްރާމު މެދުކަނޑާލައިފި

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ފައްތަން އިކޮނޮމިކް މިނިސްޓްރީއިން ކުރިއަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމު މެދުކަނޑާލައިފިއެވެ.

ރީރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ފެށީ މިދިޔަ އަހަރުގައެވެ. އެ ޕްރޮގްރާމު ކުރިއަށް ގެންދިޔައީ ބިދޭސީން ގަލޮޅު ދަނޑަށް އެއްކޮށްގެންނެވެ.

ދިވެހިބަހާއި އިނގިރޭސި ބަހާއި ބަންގާޅު ބަހުން ނެރުނު އެ އިއުލާނުގައި ބުނެފައި ވަނީ ރެގިއުލަރައިޒޭޝަން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް އަލުން ފެށުމުން އެކަން އާންމުކޮށް އަންގާ އިއުލާނު ކުރާނެކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ޕްރޮގްރާމު މެދުކަނޑާލަން ނިންމި ސަބަބެއް މިނިސްޓްރީއިން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް، މިހާރު ދުނިޔޭގެ ގިނަ އަދަދެއްގެ ގައުމުތަކުގައި ފެތުރިފައިވާ ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނިފައިވާއިރު އެ ވައިރަސް ފެތުރިދާނެތީ އާންމުން އެއްވެ އުޅޭ ހަރަކާތްތައް ފަސް ކުރަން ސިއްހީ ދާއިރާގެ މާހިރުން ދަނީ ލަފާދެމުންނެވެ.

އިމިގްރޭޝަން އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި 63،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދެއެވެ. އިކޮނޮމިކް މިނިސްޓްރީއިން އެންމެ ފަހުން ހާމަ ކުރި ގޮތުގައި ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން އޭގެ ތެެރެއިން 20،000އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ގާނޫނީ އިމުގެ ތެރެއަށް ފައްތައިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ވައިރަހަށް 71 މީހަކު ޓެސްޓްކޮށްފައިވާއިރު ޕޮޒިޓިވްވެފައި ވަނީ ހަ މީހުންނެވެ. އެ ހަ މީހުންނަކީވެސް ބިދޭސީންނެވެ. މިހާރު މުޅި ޖުމްލަ 11 ފަރާތެއް ފަރުކޮޅުފުށީގައި ވަނީ ކަރަންޓީން އަދި އެކަހެރިކޮށްފަ އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް