ކުރެއްދޫން ފަސް މީހުން ކަރަންޓީނަށް، އޭގެ ތެރޭގައި ޕޮޒިޓިވްވި 3 މީހުން

ކޮރޯނާ ޑްރިލްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރެއްދޫ އައިލެންޑް ރިސޯޓުން ފަސް މީހުން ކަރަންޓީން ކުރުމަށް ވިލިވަރަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމާށާއި އޭގެ ތެރޭގައި ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ތިން މީހުން ހިމެނޭ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19ގެ ޖުމްލަ ހަތަރު ކޭސް އެ ރިސޯޓުން ވަނީ ފެނިފަ އެވެ. މިހާރު އަރާ ފޭބުން މަނާކޮށްފައިވާ އެ ރިސޯޓްގެ ލެވެލް އޮތީ އޮރެންޖް ސްޓޭޓަސްގަ އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ދަރުބާރުގޭގައި ގާއިމުކޮށްފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ކަރަންޓީނަށް ގެންނަ ފަސް މީހުންގެ ތެރެއިން ދެ މީހަކީ ބަލީގެ އަލާމާތްތައް ފެނިގެން ގެންނަ ދެމީހުން ކަމަށެވެ.

"އެ ފަސް މީހުންނަކީވެސް ފުރަތަމަ ރާއްޖެެ އައި [އަޓަލީ] ފަތުރުވެރިޔާއާ ކްލޯސް ކޮންތެކްޓް [ކައިރިން ބައްދަލުވެފައިވާ] ކަން އަޅުގަނޑުމެނަށް އެނގިގެން އައިސޮލޭޝަންގައި [އެކަހެރިކޮށްފައި] ބައިތިއްބާފައި ތިބި މީހުން،" މަބްރޫކު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ ---

އދ. ވިލަމެންދޫ ރިސޯޓްގެ ދިވެހި މުވައްޒަފެއްގެ ފަރާތުން ވައިރަހުގެ އަލާމާތަތްތައް ފެނުމުން އޭނާ އައިސޮލޭޝަނަށް ގެނެސް، އެ ރިސޯޓަށްވެސް އަރައި ފޭބުން ވަގުތީގޮތުން މަނާކޮށްފައިވާކަން އެޗްޕީއޭއިން މިއަދު ހާމަކުރި އެވެ.

އެކަމާ ގުޅިގެން މަބްރޫކު ވިދާޅުވީ، ވިލަމެންދޫގައި މަސައްކަތްކުރާ އެ މުވައްޒަފަކީ، ކުރެއްދޫއަށް ޗުއްޓީއަށް ދިޔަ މީހެއް ކަމަށެވެ. އޭނާގެ ފަރާތުން އަލާމާތްތައް ފެނިފައިވަނީ، ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު، އަނބުރާ ވިލަމަންދޫއަށް ދިޔަ ފަހުން ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"އެކަން ހިނގާފައިވަނީ ކުރެއްދޫއަށް އަރާފޭބުން މަނާކުރުމުގެ ކުރިން،" މަބްރޫކު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ވިލަމަންދޫގެ ހާލަތު ގާތުން ބަލައި، ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށެވެ.

ކުރަމަތި ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުންވެސް ވައިރަހުގެ އަލާމާތްތައް ފެނިގެން އޭނާ އައިސޮލޭޝަނަށް ގެންދިޔުމުގެ މަސައްކަތް ފަށައި އެ ރިސޯޓަށްވެސް އަރާފޭބުން ވަގުތީގޮތުން ވަނީ މަނާކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން، މަބްރޫކު ވިދާޅުވީ އަލާމާތްތައް ފެނުނީ ރާއްޖެއައި ދެމަފިރިންގެ ތެރެއިން އެކަކުގެ ފަރާތުން ކަމަށެވެ. އޭނާ އައިސޮލޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އަނެއް މީހާ އެ ރިސޯޓުގައި އައިސޮލޭޓް ކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް 71 މީހަކު ބައްޔަށް ޓެސްޓްކޮށް، 65 މީހަކު ވަނީ ނެގެޓިވްވެފަ އެވެ. ޖުމްލަ ކޮރޯނާއަށް ޕޮޒިޓިވްވެފައިވަނީ ހަ މީހުންނެވެ. އެއީ ކުރެއްދޫން ފެނުނު ތިން ކޭސް އާއި ބަތަލާ ރިސޯޓުން ފެނުނު ދެ ކޭހެވެ.

މިހާރު މުޅި ޖުމްލަ 11 ފަރާތެއް ފަރުކޮޅުފުށީގައި ވަނީ ކަރަންޓީން އަދި އެކަހެރިކޮށްފަ އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ކުރެއްދޫއިން ހަތަރު މީހަކަށް ކޮރޯނާ ޖެހިފައިވާކަން ކަށަވަރުވެފައިވާ އިރު، 65 މީހަކު ރޫމް އައިސޮލޭޝަންގައި އެބަތިއްބެވެ. އަދި ކުރެއްދޫ ކޭސްއާ ގުޅުން ހުރި އިތުރު 25 މީހަކު، އެ ރަށުން ބޭރުން ވަނީ އެކަހެރިކޮށްފަ އެވެ. އެއީ ޖުމްލަ 90 މީހުންނެވެ.

އެ އެންމެންގެ ހާލު ރަނގަޅު ކަމަށާއި ވައިރަހުގެ އަލާމާތެއް ނެތް ކަމަށް މަބުރޫކް ރޭ ވިދާޅުވެފައިވެ އެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 115 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 114,809 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 64,277 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 4,031 އަރަ އެވެ.

comment ކޮމެންޓް