ކޮވިޑް-19ގެ އަލާމާތްތައް ފެންނަން އާއްމުކޮށް ފަސް ދުވަސް ނަގާ: ދިރާސާ

ކޮރޯނާވައިރަހުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުން ހިމެނޭ -- ފޮޓޯ: ގެޓީ

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19)ގެ އަލާމާތްތައް ފެންނަން އާއްމުކޮށް ފަސް ދުވަސް ނަގާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ މެޑިކަލް ޖާނަލްއެއް ކަމަށްވާ އެނަލްސް އޮފް އިންޓާނަލް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން ކޮރޯނާވައިރަސް ޖެހޭ ގިނަ މީހުންގެ ފަރާތުން އާއްމު ގޮތެއްގައި އަލާމާތްތައް ފެންނަނީ ފަސް ވަރަކަށް ދުވަސް ތެރޭގަ އެވެ. އަދި ބައެއް މީހުންގެ ފަރާތުން އަލާމާތްތައް ނުފެނުނު ނަމަވެސް، އަލާމަތްތައް ފެންނަ މީހެއްގެ ފަރާތުން ފަސް ދުވަހާއި 12 ދުވަހާ ދޭތެރޭ އެ އަލާމާތްތައް ފެނެ އެވެ.

އެހެންކަމުން ވައިރަހަށް ޝައްކު ކުރެވިގެން މިހާރު 14 ދުވަހަށް ކަރަންޓީނު ކުރަމުން ދިޔުމަކީ ރަނގަޅު ގޮތެއްކަން ދިރާސާއިން އެނގިގެންދާ ކަމަށް ޔުނިވާސިޓީ އޮފް ނޮޓިންހަމްގެ ޕްރޮފެސަރު ޖޮނަތަން ބޯލް ވިދާޅުވި އެވެ.

އެ ދިރާސާގައި ވަނީ ވައިރަސް ހުންނަ ބައެއް މީހުންގެ ފަރާތުން އަލާމާތްތައް ނުފެނުނު ނަމަވެސް އެމީހުން ކަރަންޓީނުގައި 14 ދުވަސް ހޭދަ ކުރަން އިލްތިމާސްކޮށްފަ އެވެ. އަދި އަލާމާތްތައް ނުފެންނަ މީހުންގެ ފަރާތުން ވެސް އެހެން މީހުންނަށް ވައިރަސް ޖެހިދާނެ ކަން ފާހަގަކޮށްފަ އެވެ. ނަމަވެސް ވައިރަސް ޖެހޭ މީހުންގެ ތެރެއިން އަލާމާތްތައް ފެންނަނީ ކިތައް މީހުންގެ ފަރާތުންތޯ އެ ދިރާސާއިން ހޯދިފައި ނުވެ އެވެ.

އެ ދިރާސާ ހަދާފައި ވަނީ ވައިރަސް ޖެހުނު 181 މީހުން މޮނިޓާކޮށްގެންނެވެ. އަދި ދިރާސާ ހެދުމުގައި ބައިވެރިވި، ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ޕްރޮފެސަރު ޖަސްޓިން ލެސްލާ ވަނީ އާ ކޮރޯނާވައިރަހާ ބެހޭ ގޮތުން އިތުރު ދިރާސާތައް ހަދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަސް ޖެހޭ ގިނަ މީހުންގެ ހާލު ސީރިއަސް ނުވެ، އެމީހުން ރަނގަޅު ވާނެ އެވެ. ނަމަވެސް ސިއްހީ އެހެން މައްސަލަތައް ހުންނަ އުމުރުން ދުވަސްވީ މީހުންގެ ހާލު ވަރަށް ސީރިއަސްވެ، ފުރާނައަށް ވެސް ނުރައްކާ ވެދާނެ އެވެ.

ކޮރޯނާވައިރަހުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުން ހިމެނެ އެވެ. އަދި އެ ވައިރަސް ފެތުރެނީ ވައިރަސް ހުންނަ މީހަކު ކެއްސާ ކިނބިހި އަޅާ އިރު ނުކުންނަ ދަވަތައް އެހެން މީހެއްގެ ނޭފަތާއި އަނގަޔަށް ފޯރުމުންނެވެ. އެހެންކަމުން ވައިރަހުން ރައްކާތެރިވުމަށް ޓަކައި ބަލި މީހުންނާ ގައިގޯޅިވެ ނޫޅުމާއި މޫނުގައި އަތްލުން މަދު ކުރުމާއި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ނިވާކޮށް، ސައިބޯނި ލައިގެން އަތް ދޮންނަ މިންވަރު އިތުރު ކުރުން މުހިއްމެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާވައިރަހަށް މިހާތަނަށް 114،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު، ކޮވިޑް-19 ޖެހުނު 64,032 މީހުންގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އަދި އެބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4,026އަށް އަރާފަ އެވެ.

comment ކޮމެންޓް