ހަރަދު ކުޑަކުރަން ފަނޑިޔާރުން ނެގުން މަޑުޖައްސާލައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަރަދު ކުޑަ ކުރުމުގެ ގޮތުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަލަށް ފަނޑިޔާރުން ނެގުން މަޑުޖައްސާލައިފި އެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނީ އެ ކޮމިޝަނުން އެގޮތަށް ނިންމީ އަލަށް މުވައްޒަފުން ނުނެގުމަށް ފިނޭންސް މިނިސްޓްރީން އަންގަވާފައިވުމުގެ އިތުރުން ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދިއުމާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ ކަމަށެވެ.

މި ދަނޑިވަޅުގައި އިތުރު މަގާމުތަކަށް މުވައްޒަފުން ނެގުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.

އެއާއެކު ޖޭއެސްސީން ޖެނުއަރީ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަން އެ ކޮމިޝަނުން ކުރި އިއުލާނު ވަނީ ބާތިލުކޮށްފަ އެވެ.

ގާޒީއަކު އައްޔަންކުރާއިރު ކޮންމެ ގާޒީއެއްގެ މަސައްކަތުގައި އިދާރީ ގޮތުން އެހީތެރިވާން މުވައްޒަފުން ހަމަޖައްސަން ޖެހުމާއެކު ޝަރީއަތް ކުރެވޭނެ އެހެނިހެން އިންތިޒާމުތައް ހަމަޖައްސަން ޖެހޭތީ އިތުރު ހަރަދު ކުރަން ޖެހޭ ކަމަށް ޖޭއެސްސީން ފާހަގަކުރެ އެވެ.

އެހެންކަމުން ޖޭއެސްސީން ނިންމީ ސުޕީރިއާ ކޯޓުތަކުގެ ގާޒީން ނެގުން ވަގުތީ ގޮތުން މަޑުޖައްސާލައި، ފަހުގެ ތާރީހެއްގައި ހާލަތަށް ރިއާޔަތް ކުރުމަށްފަހު ގާޒީން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ދައުލަތުގެ ވުޒާރާތަކާއި އެންމެހާ މުއައްސަސާތަކުން ކުރާ ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ އަންގާފަ އެވެ.

comment ކޮމެންޓް