އެމްޑީޕީ ބޭނުން ވަނީ 3 ފޫޓު ދުރުގައި ސަފު ހަދައިގެން ވެސް އިންތިހާބު ބާއްވަން

މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު: އެމްޑީޕީގެ ގިނަ މެންބަރުން ބޭނުންވަނީ އިންތިހާބް ލަސްނުކޮށް މިހާރު ވެސް ބޭއްވުމަށް ނިންމާފައި އޮތް ތާރީހުގައި ބޭއްވުމަށް -- ފައިލް ފޮޓޯ/ މަޖިލިސް

އަންނަ މަހު ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެ ތާރީހުގައި ބާއްވަން ޖެހޭ ކަމަށާއި ލަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން މިއަދު ވިދާޅުވެ، އިންތިހާބު ލަސްކުރުމާ ދެކޮޅު ހައްދަވައިފި އެވެ.

ކައުންސިލް އިންތިހާބު އެ ތާރީހުގައި ބާއްވަން ޖެހޭ ކަން ނުސީދާކޮށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

"އެގޮތުން، އާންމު ސިއްހަތު ރައްކާތެރިކޮށްދިނުމަކީ ގާނޫނު ބުނާ ގޮތުން ސީދާ ކައުންސިލްތަކުގެ މަސްއޫލިއްޔަތެއް އަދި ރޯގާއިން އަރައިގަތުމަށް ކުރަން އޮތް މަސައްކަތެއް ފުރަތަމަ ދަރަޖައިގައި ކުރަން އޮތީ ކައުންސިލަރުން،" ނަޝީދު ފާހަގަކުރެއްވި އެވެ.

އިންތިހާބު މިހާރު އޮތް ތާރީހުގައި ކުރިއަށް ގެންދާއިރު ސަލާމަތީ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާނެ ކަން ނަޝީދު ވިދާޅުވި އެވެ.

"އެއީ ކިއު ހަދަން ޖެހިދާނެ ތިން ފޫޓުން ތިން ފޫޓުން ދުރުގައި ތިބޭ ގޮތައް ވެސް އަދި ފޮށި އިތުރު ކުރަން ޖެހިދާނެ އެތައް ވަރަކަށް ވެސް. އެހެން ނަމަވެސް ކުރިއަށް ގެންދާ ގޮތަށް އިއްޒަތްތެރި މެންބަރުންނަށް ފެނިވަޑައިގަންނަވަނީ،" ނަޝީދު ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވީ އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހުގައި ބާއްވަން ޖެހޭނެ ކަމަށާއި އެއަށް ވުރެ ވެސް، އަވަސް ކުރެވެން އޮތް ނަމަ އަވަސް ކުރަން ތާއީދު ކުރާ ކަމަށެވެ.

އިންތިހާބު ލަސް ކުރަން ޖެހޭ މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ގިނަ މީހުންތަކެއް އެއްތަނަކަށް އެއްވެ އުޅުމުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެތީ ކަމަށް އާންމުން ފާހަގަ ކުރެ އެވެ.

އެކަމަށް ރައްދު ދެއްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޑަބްލިއުއެޗްއޯގެ މިންގަޑާއި އެއްގޮތަށް ކަން ކުރުމުން އެ ބިރުވެރިކަމެއް ނޯންނާނެ ކަމަށެވެ.

"މިސާލަކަށް ތިން ފޫޓު ތިން ފޫޓު ދުރުމިނުގައި މީހުން ތިބެ ވޯޓުލެވޭ ގޮތައް ވޯޓު ފޮށިތަކާއި އެކަންކަން އިންތިޒާމް ކުރުމަކީ ކުރެވިދާނެ ކަމެއް. ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި ސެނިޓެއިޒާ ބެހެއްޓުމާއި އެތައް ބައިވަރުކަމެއް އަޅުގަނޑަށް ޔަގީން އިލެކްޝަން ކޮމިޝަނުން މިހާރު ވެސް އެބޭފުޅުން ވިސްނަވަމުން ގެންދަވާނެ،" އެމްޑީޕީގެ ޗެއާޕާޝަންގެ މަގާމުގައި ވެސް ހުންނެވި ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފު އިތުރަށް ވިދާޅުވީ، އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ދެކޭ ގޮތެއް ބެލުމަށް ރޭގައި އެ ޕާޓީގެ ނުރަސްމީ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. ބައްދަލުވުމުގައި ބައިވެރިވި 84 ޕަސެންޓް މީހުން ބޭނުންވަނީ މިހާރު ވެސް ކަނޑައަޅާފައި އޮތް ތާރީހުގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ.

ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ރަށު ފެންވަރުގައި ކަންކަން ނިންމަން ތިބީ ކައުންސިލަރުން ކަން ފާހަގަކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، މިހާރު ތިބި ކައުންސިލްތަކުގައި އެއްވެސް ވަރަކަށް އަންހެނުން ނުތިބޭ ކަމަށާއި އެހެން ނަމަވެސް އަލަށް އިންތިހާބް ކުރާ ކޮންމެ ކައުންސިލެއްގައި ވެސް އަންހެނުން ތިބޭނެ ކަމަށެވެ.

އެހެން ކަމުން ކޮރޯނާ ވައިރަސްއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގައި އަންހެނުންގެ ބައިވެރިވުން ވެސް އޮންނާނެ ކަން އިވާ ފާހަގަކުރެއްވި އެވެ. އަދި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އިވާ ވިދާޅުވި އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަނީ އިންތިހާބު ބާއްވަން އޮންނަ ތާރީހުގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބު ވެސް އެ ތާރީހުގައި ބޭއްވުމަށް ކުރަން ހުރިކަމަށް އާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް