ތަކެތި ގަނެ ފޮރުވުން ނުހުއްޓާނަމަ، ކާޑުގެ ބާވަތްތައް ވިއްކާނީ އައިޑީކާޑަށް: ފައްޔާޒު

މުދާ އެތެރެކުރާ ބޮޑެތި ކުންފުނިތަކާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް. ރާއްޖެއަށް މުދާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިން ފާހަގަކުރޭ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19 ފެތުރޭ މި ދުވަސްވަރު ކާޑާއި އެހެނިހެން މުދާ ގަނޑުކޮށް ގަނެގެން ގޭގައި ގުދަން ކުރަމުންދާ ކަމަށާއި އެކަން ނުހުއްޓައިފިނަމަ ދެން ކާޑު ވިއްކާނީ އައިޑީ ކާޑަކަށް ވަކި ރޭޓެއް ކަނޑައަޅައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކާޑު ލިބުމުގައި އެއްވެސް ދަތިކަމެއް ނެތުމާއެކު ކާޑު ގަނެގެން ގޭގައި ގުދަން ކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ.

މިގޮތަށް ގުދަން ކުރަނީ މި ބައްޔާ މެދު ހިތުގައި އުފެދިގެން އުޅޭ ބިރުވެރިކަމެއްގެ ސަބަބުން ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް ފައްޔާޒު އިލްތިމާސް ކުރެއްވި އެވެ.

"މިސާލަކަށް އަޅުގަނޑުމެން ދެން މިވާހަކަ ދައްކައި ދައްކާ ތިއްބާވެސް ރައްޔިތުން ބިރުގަނެގެން ކަންބޮޑުވެގެން ހަމަ ގަންނަނީ ގަންނަނީ [ކާޑު]. އެހެންވާނަމަ ސަރުކާރަށް ލިބިގެންވާ ބާރުގެ ތެރެއިން އައިޑީކާޑަކަށް ވަކި އަދަދެއް ކަނޑައަޅާފައި ކައިގެން ބޮއިގެން ތިބެވޭ ވަރަށް ކާޑު ވިއްކާނީ [އެ ހިސާބަށް ގޮސްފި ނަމަ]. އަޅުގަނޑުމެން ބޭނުމެއް ނޫން ކިއުގައި ޖެހިގެން އައިޑީ ކާޑު ހިފައިގެން އައިސް ގަންނާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އެ ހާލަތަށް ދިޔަ ނަމަވެސް، ދާނީ އާންމުންގެ އަމަލުތައް ބަހައްޓާ ގޮތަކުން ކަމަށާއި އެހެން ނަމަވެސް މިއީ ބޮޑު ތަކުލީފަކަށް ވާނެ ކަމަށެވެ. އަދި މި ހާލަތަށް ދާން ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެއްގޮތަކަށް ވެސް މިހާލަތަށް ދާކަށް ނުޖެހޭ. ދުނިޔޭގައި ހަނޑޫ ހުސްވެ، ހަނޑޫ ޕްރޮޑިއުސް ނުކުރެވި، ހަނޑޫ ޓްރާންސްޕޯޓް ނުކުރެވިގެނެއް ނޫން މިއުޅެނީ. ހަމައެކަނި ހިތުގައި އޮތް ބިރުވެރިކަން [ފަހަރެއްގައި ނުލިބިދާނެ ކަމަށް] މި ފޮރުވަނީ." މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އެސްޓީއޯ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މި ދުވަސްވަރު އާންމުންގެ މެދުގައި ހާސްކަމާއި ބިރުވެރިކަން އުފައްދައިގެން ބައެއް ފަރާތްތަކުން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެސްޓީއޯއިން ރަށްރަށުގައި ކާޑު ގުދަންކޮށް ވިއްކަން ކަނޑައަޅާ އޭޖެންޓުންގެ ފަރާތުން ބޯޓަށް މުދާ އަރުވައިދޭ ބައެއް މަޖޫރީންގެ ފަރާތުން މިފަދަ އަމަލުތައް ފެންނަމުންދާ ކަމަށް އަމްރު ވިދާޅުވި އެވެ.

މުދާ އެތެރެކުރާ ބޮޑެތި ކުންފުނިތަކާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކާޑު އޭޖެންޓުން ކަނޑައެޅި ކަމުގައި ވިޔަސް، ބައެއް މީހުންނަށް ނާދެވޭ، އެހެންވެ އޭޖެންޓުންގެ ފަރާތުން މަޖޫރީއަކު ކާޑު މި އަރުވައިދެނީ ބޯޓަކަށް. މި މީހުންގެ [މަޖޫރީން] ތެރޭގައި އެބައުޅޭ ބައެއް މީހުން ރައްޔިތުންގެ ތެރޭގައި ހާސްކަން އުފައްދަން...އެމީހުންގެ އެ އޮންނަ ވިޔަފާރީގެ މަގްސަދެއްގައި ގިނައިން ވިއްކާލެވިއްޖެ ނަމަ އަވަހަށް ލާރިކޮޅެއް ލިބޭނެ އެހެންވެ އެކަމުގެ ބޭނުމުގައި އެބަ ފާހަގަވޭ ބައެއް މީހުން ރައްޔިތުން ހާސްކުރަން އުޅޭ ތަން،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މިކަން ކުރާ ފަރާތްތަކަށް ނަސޭހަތްތެރި ވެސް ވެފައިވާނެ ކަމަށެވެ. އަދި އެކަން ނުހުއްޓައިފިނަމަ އެމީހުންނާ މެދު ކޮންމެވެސް ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް އަމްރު ވިދާޅުވި އެވެ.

comment ކޮމެންޓް