މިވަގުތަށް މުހިންމީ ބަލި ކޮންޓްރޯލްކުރުން، އިހުމާލުވިތޯ ބެލުމެއް ނޫން: ޣައްސާން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއަށް އައީ ސަރުކާރުން އިހުމާލުވެގެންތޯ ބެލުމަށް ވުރެ، މިވަގުތު މުހިންމީ ބަލި ފެތުރުން ކޮންޓްރޯލް ކުރުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން މިހާތަނަށް ހަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެންމެ ފުރަތަމަ އެ ބަލި ފެނުނީ، ބައްޔަށް ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔަކު މަޑުކޮށްގެން ހުރި ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ.

އެ ފަތުރުވެރިޔާ ބައްޔަށް ޕޮޒިޓިވްކަން އަންގާފައި ވަނީ އެނބުރި ގައުމަށް ދިއުމަށްފަހު އެވެ.

އެއާ އެކު އޭނާ ރާއްޖެއިން ފުރައިގެން ދިޔުމުގައި، އިހުމާލުވެފައިވާ ކަމަށް ތުހުމަތުވާތީ އެ މައްސަލަ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވަނީ ފުލުހުންގެ މައްޗަށް އަމުރެއް ނެރުއްވައިފަ އެވެ.

ޕީޖީ އެފަދަ އަމުރެއް ނެރުއްވާފައި ވަނިކޮށް، ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ކޮވިޑް-19 ރާއްޖެއަށް އައީ ސަރުކާރުން އިހުމާލުވެގެންތޯ ބަލަންވީ ވަގުތު ނޫން ކަމަށެވެ.

"އެކަމަކު އެ ވަގުތު އަދި އަންނާނެ. މި ހިނދު އެންމެން މަސައްކަތް ކުރަންވީ އެއް އަމާޒަކަށް، މި ބަލި ފެތުރުނަ ނުދޭން،" ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން، މިކަމުގައި ހަރުދަނާ އަވަސް ފިޔަވަޅުތަކެއް ކަށަވަރު ކުރެވިއްޖެ ނަމަ، އެއްފަސްކޮށް އުފެދިފައިވާ ގައުމުތަކަށް ވުރެ، ކޮވިޑް19 ކޮންޓްރޯލް ކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އަދި ސަރުކާރުން މިކަމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ހިތި ހުރިހާ ދިވެހިންނަށް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެ އިން ކޮވިޑް19 އަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

comment ކޮމެންޓް